Advertisement

ފުއްޕާމޭގެ ކެންސަރު: ދުންފަތުގެ އިތުން ގަސް ކާނާ، ވައި އަދި ދުވާލުގެ ދިރިއުޅުމާއި ގުޅިފައި!

03 Aug 2026 | 08:12
ފުއްޕާމޭގެ ކެންސަރު ޖެހެނީ ހަމައެކަނި ދުންފަތް ބޭނުންކުރާ މީހުންނަކަށް ނޫން ކަމަށް ތަޖުރިބާކާރުން ބުނޭ --

ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންނަށް ވެސް ވައި ތަޣައްޔަރުވުމާއި ޖީންތަކުގައި ހުންނަ ބަދަލުތަކާއި ދުވާލުގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ކެމިކަލްތަކުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެފިއެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ފުއްޕާމޭގެ ކެންސަރަކީ ހަމައެކަނި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ޖެހޭ ބައްޔެކެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވަހަކު ވެސް ސިނގިރެޓެއްގަ އަތް ނުލާ ނުވަތަ ދުންފަތާއި ގާތް ނުވާ މީހުންނަށް ވެސް މި ބަލި ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

Advertisement

މީހަކު ނޭވާލާ ވައިގެ ފެންވަރާއި މަސައްކަތްކުރާ މާޙައުލާއި ޢާއިލީ ބަލީގެ ތާރީޚާއި ހަށިގަނޑުގެ ޖީންތަކުގައި ހިނގާ ބަދަލުތަކުން ވެސް މި ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވެދާނެ ކަމަށް ތަޖުރިބާކާރު ޑޮކްޓަރުން ފާހަގަކުރެއެވެ.

ވައި ތަޣައްޔަރުވުމުގެ ނުރައްކާ ލޮލަށް ގޯނާކުރުމާއި ކެއްސުން ޖެހުމަށް ވުރެ މާ ފުނެވެ. ތަޣައްޔަރުވެފައިވާ ވައިގައި އެކުލެވޭ ވަރަށް ކުދި ކުދި އެތިކޮޅުތައް، ޚާއްޞަކޮށް ޕީއެމް 2.5 ހަށިގަނޑުގެ ދިފާޢީ ނިޒާމު ފޫ އަޅުވައިލައި ފުއްޕާމޭގެ އެންމެ ފުނަށް ދަތުރުކޮށް ލޭގެ ތެރެއަށް ވެސް ވާޞިލުވެދާނެއެވެ. އެ އެތިކޮޅުތައް ހަށިގަނޑުގެ ތެރެއަށް ވަނުމުން ދާއިމީ ދުޅަވުމާއި ސެލްތަކުގެ ޑީއެންއޭއަށް ގެއްލުން ލިބުން ފަދަ ކަންކަން ހިނގައެވެ. ދިގު މުއްދަތަކަށް މި ގެއްލުން ލިބެމުންދާ ނަމަ ސެލް މަރާމާތުކުރާ ނިޒާމަށް ކެތްނުވެ އާދަޔާ ޚިލާފު ސެލް އުފެދި ބޮޑުވުމުގެ ފުރުޞަތު ހުޅުވެއެވެ.

އުޅަނދުތަކުން ބޭރުވާ ދުމާއި ސިނާޢީ މަސައްކަތްތަކުން ބޭރުވާ ދުމާއި ޢިމާރާތްކުރުމުގެ ހިރަފުހާއި ދަނޑުގޮވާންތައް އެންދުމުން އުފެދޭ ދުމާއި ކައްކަން ބޭނުންކުރާ ދަރާއި ބޯޓުދެއްޔާއި ގަސްހައްދަން ބޭނުން ކުރާ ގެރިގުއި ފަދަ ތަކެތީގެ ސަބަބުން ވެސް މި ނުރައްކާ ކުރިމަތިވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ބޭރުގެ ވައި ތަޣައްޔަރުވުމާއި ކުދި ވައިގެ ތެރޭގައި އެކުލެވޭ ކުދި އެތިކޮޅުތަކަކީ އިންސާނުންނަށް ކެންސަރު ޖައްސާ ބާވަތެއްގެ ގޮތުގައި ދަރަޖަކޮށްފައެވެ.

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގެ ނޯތުވެސްޓް ކްލަސްޓާގެ މެނިޕާލް ކޮމްޕްރެހެންސިވް ކެންސާ ސެންޓަރު އެންޑް އޮންކޯ ރޮބޮޓިކް ސާޖަރީސްގެ ޗެއާމަން ޑރ. ސުރެންދަރް ކުމާރު ދާބާސް ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ އިސްތިޢުމާލަކީ އެންމެ ބޮޑު ނުރައްކާ ކަމުގައި ވީ ނަމަވެސް ބަލީގެ މަންޒަރު މިހާރު ބަދަލުވެފައިވެއެވެ. އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ތެރޭގައި ވެސް ފުއްޕާމޭގެ ކެންސަރު ޖެހޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާ ކަމަށެވެ. 

ފުއްޕާމޭގެ ކެންސަރު ދެނެގަތުމުގައި ޖީންތަކުގެ ދައުރު ފާހަގަކުރައްވައި ޑރ. ދާބާސް ވިދާޅުވީ ބައެއް މީހުންނަށް ވާރުތައިން ޖީން ސިފަތައް ލިބެއެވެ. އެ ސިފަތަކުގެ ސަބަބުން ފުއްޕާމޭގެ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވެއެވެ. އެހެން ބައެއް މީހުންނަށް ދިރިއުޅުމުގެ ތެރެއިން ޖީން މިއުޓޭޝަންތައް އުފެދި ދުންފަތުގެ އެއްވެސް ތާރީޚެއް ނެތި ވެސް ބަލި ޖެހެއެވެ.

މޮލެކިއުލާ ޓެސްޓިން ބޭނުންކޮށްގެން މި މިއުޓޭޝަންތައް ދެނެގަތުމުން ފަރުވާ ބަދަލުވެ ޓާގެޓެޑް ތެރަޕީތައް ބޭނުންކުރެވޭ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެސްބެސްޓޯސް ސިލިކާ ހިރަފުސް ރެޑޯން ގޭސް އަދި ސިނާޢީ ބައެއް ކެމިކަލްތަކާ ކުރިމަތިލެވޭ ފަރާތްތަކަށް ވެސް ނުރައްކާ ބޮޑުވެއެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިފަދަ މީހުންނަށް ބަލީގެ ކުރީކޮޅު އެއްވެސް ޢަލާމާތެއް ނުފެނި ގިނަ ފަހަރު ބަލި ދެނެގަނެވެނީ ބޮޑުވެ ފެތުރޭ ފަހުންނެވެ. ޑރ. ދާބާސް ވިދާޅުވީ ތިން ހަފުތާއަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ކެއްސުމާއި ނޭވާ ކުރުވުމާއި މޭގައި ރިއްސުމާއި ކެއްސާއިރު ލޭ އައުމާއި ސަބަބެއް ނެތި ބަރުދަން ލުއިވާ ނަމަ އެއް ދުވަހުގެސް އެ ކަމަށް ފަރުވާލެއް ނެތި ހުރެގެން ނުވާނެ ކަމަށެވެ.

ފުއްޕާމޭގެ ކެންސަރުން ރައްކާތެރިވުމަށް ދުންފަތާއި ދެވަނަ މީހެއްގެ ދުމާ ދުރުހެލިވުމާއި ތަޣައްޔަރު ވައިގެ ޙާލަތު ބެލުމާއި ކައްކާ ތަންތަނުގައި ވައި ދައުރުވާނެ ގޮތް ހެދުމާއި ސާފު ތެޔޮ ބޭނުންކުރުމާއި ހިރަފުހާއި ނުރައްކާތެރި ކެމިކަލް ހުންނަ ތަންތަނުގައި ރައްކާތެރި މާސްކު އެޅުމަކީ ކުރަން ޖެހޭ މުހިންމު ކަންކަމެވެ. ރަނގަޅު ނުވެ ދެމިގެންދާ ކެއްސުން ނުވަތަ ނޭވާލުމުގެ މައްސަލައެއް ހުރި ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ސިއްޙީ ތަޖުރިބާކާރުންގެ ނަޞޭހަތެވެ.

އެންމެ ފިޔަވަޅަކުން ބަލީގެ ނުރައްކާ މުޅިން ނައްތައެއް ނުލެވޭނެ އެވެ. ނަމަވެސް ދުވާލެއްގެ ދިރިއުޅުމުގައި ކެނޑިނޭޅި އެޅޭ ކުދިކުދި ފިޔަވަޅުތަކުން ފުއްޕާމޭގެ ދުޅަހެޔޮކަން ރައްކާތެރިކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

Advertisement

ކޮމެންޓް