Advertisement

ރޮނާލްޑޯއާ ޖޯޖީނާގެ ކައިވެނި މި ހަފްތާގައި ރޮނާލްޑޯގެ އުފަން ރަށުގައި!

02 Aug 2026 | 10:14
ރޮނާލްޑޯ އާއި ޖޯޖީނާ --

ފުޓުބޯޅައިގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރީގޭޒްގެ ކައިވެނީގެ ހަފުލާ ރޮނާލްޑޯ އުފަންވި ޕޯޗުގީޒް ޖަޒީރާ ރަށް، މަޑޭރާގެ ފުންޗާލް ކެތީޑްރަލްގައި އަންނަ ހަފުތާ ބަންދުގައި ބާއްވަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ޕޯޗުގީޒު މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކައިވެނި ބާއްވަން ކުރިން ނިންމާފައި އޮތީ ޕޯޗުގަލްގެ ސިންޓްރާގައި އެވެ. މިހާރު ޕޯޗުގީޒް މީޑިއާއިން ޔަގީންކުރާ ގޮތުގައި ހަފުލާ ބޭއްވޭނީ 1514 ވަނަ އަހަރު ބިނާކުރެވުނު ފުންޗާލް ކެތީޑްރަލްގައެވެ. އެ ތަން ހުންނަނީ ރޮނާލްޑޯ އުފަންވި ހޮސްޕިޓަލާ ދެ މޭލަށްވެސް ނުވާ ކައިރިމިނެއްގައެވެ.

Advertisement

ކެތީޑްރަލާ ކައިރީގައި ހުންނަ ސެވޯއީ ޕެލެސް ހޮޓެލުން ހުކުރު އަދި ހޮނިހިރު ދުވަހު ދެ ފަންގިފިލާ އެއްކޮށް ބަންދުކޮށްފައި އެވެ.

ކައިވެންޏާއި ބެހޭގޮތުން ސީދާ ތާރީހެއް ނުބުނެ މިފަހުން ރޮނާލްޑޯ މީޑިއާގައި ބުނެފައިވަނީ މިއީ ކައިވެނި ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށާއި ޖޯޖީނާ އާއި ކައިވެނި ކުރަނީ ދަރިންގެ މަންމައަށް ވުމުގެ އިތުރުން ލޯބިވާ މީހާއަށް ވާތީ ކަމަށެވެ.

މި ދެ މީހުން ކައިވެނި ކުރަން ތައްޔާރުވާއިރު ދެމީހުންގެ ފަސް ދަރިން މިހާރުވެސް އެބަތިއްބެވެ. 2016 ވަނަ އަހަރުން ފެށިގެން އެކުގައި ދިރިއުޅެމުންދާ ދެމީހުން އެންގޭޖުވީ މިދިޔަ އަހަރުގެ އޮގަސްޓުގައި އެވެ.

ޖޯޖީނާ އަޅައިގެން އުޅޭ އަގުބޮޑު އަލްމާސް އަނގޮޓިއަކީ ގާތްގަނޑަކަށް 1.5-5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓިއެއް ކަމަށް އަންދާޒާކުރެ އެވެ.

ކައިވެނީގެ ކުރިން ދެ މީހުން މަޔޯކާގައި ޔޮޓެއްގައި ހޭދަކުރި މަންޒަރު ފޮޓޯގްރާފަރުންނަށް ފެނިފައިވާ އިރު ދެ މީހުންވެސް އެންގޭޖްމެންޓު އަނގޮޓި އަޅައިގެން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރޮނާލްޑޯގެ ކައިވެނި ބާއްވާ ފުންޗާލް އަކީ ރޮނާލްޑޯ ފަގީރު ހާލުގައި ބޮޑުވެ 11 އަހަރުގައި ފުޓުބޯޅައިގެ ހުވަފެން ދެކެމުން ރަށް ދޫކޮށް ދިޔަ ތަނެވެ. މިހާރު އެ ސިޓީގެ ވައިގެ ބަނދަރަށް ރޮނާލްޑޯގެ ނަން ދީ ސިޓީ ސެންޓަރުގައި ލޮއި ބުދެއް ބަހައްޓާފައި ހުރެއެވެ.

Advertisement

ކޮމެންޓް