"ގްލާސް ސްކިން" އަކީ ހޫނު ގަދަ ގައުމުތަކާއި ބީރައްޓެހި ޓްރެންޑެއް: މީރާ
މިހާރު މުޅި ދުނިޔޭގައި މަޝްހޫރު ވަމުން އަންނަ ބިއުޓީ ޓްރެންޑެއް ކަމަށްވާ ގްލާސް ސްކިން ޑްރެންޑަކީ ހާސިލުނުކުރެވޭ ފެންވަރުގެ ލަނޑުދަނޑިއެއް ކަމަށް ބުނެ ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުޓް އެ ޓްރެންޑާ މެދު ސުވާލު އުފައްދައިފިއެވެ.
ޝާހިދުގެ އަންހެނުންގެ ގޮތުގައި އޭނާ އާންމުންގެ ތެރޭގައި މަޝްހޫރު ވިޔަސް މީރާ އަކީ އިންޑިއާގައި މަޝްހޫރު ސްކިން ކެއާ ބްރޭންޑެއް ކަމަށްވާ އަކައިންޑުގެ ކޯ ފައުންޑަރެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރީތިވުމާއި ހަންގަނޑުގެ ރީތިކަން ދަމަހައްޓަން ކުރެވiދާނެ ގިނަ ކަންކަމާއި ގުޅޭ މައުލޫމާތު އަބަދުވެސް ދަނީ ދެމުންނެވެ.
އެގޮތުން މިހާރުގެ ބިއުޓީ ޓްރެންޑުތަކާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ބުނީ ބިއްލޫރިހެން ސާފު ހަންގަނޑެއް ހޯދުމަކީ ޚާއްޞަކޮށް ހޫނު ގަދަ އަދި އަވަސް އަވަހަށް މޫސުން ބަދަލުވާ ގައުމުތަކުގައި ޢަމަލީ ގޮތުން ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. ތަފާތު ޕްރޮޑަކްޓުތައް ފުނިޖެހުމުން ހަންގަނޑުގެ ސިއްޙަތަށް ފައިދާ ނުކޮށްފާނެ ކަން އޭނާ ފާހަގަ ކުރި އެވެ.
ހަންގަނޑަށް ވެއްދޭ މިންވަރެއް ކަނޑައެޅިފައި ވާއިރު އެއް ޕްރޮޑަކްޓް މައްޗަށް އަނެއް ޕްރޮޑަކްޓް ލުމުން ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށް މީރާ ބުނެފައިވެ އެވެ. އޭނާ ބުނީ ގްލާސް ސްކިންގެ ގިނަ އިފެކްޓަކީ ރީތި ލައިޓިންގެ ނަތީޖާ ކަމަށެވެ.
އެ ޓްރެންޑިން ބޭނުން ކޮށްގެން މޫނު މަތި އެހެން މީހުންނަށް ފެންނަ ގޮތް ރީތިކުރެވިދާނެ މޮއިސްޗަރައިޒާ އިން ހައިޑްރޭޝަނާއި ބެރިއާ ރެގިއުލޭޝަން ރަނގަޅުކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ. އެކަމަކު 24 ގަޑިއިރު ދިއްލިފައި ހުންނަ ހަންގަނޑެއް ނުލިބޭނެ ކަމަށް ބުންޏެވެ.
އޭނާ ވަނީ ފުރިހަމަ ކަމުގެ ފަހަތުން ދުވުން ހުއްޓާލައި ބެލެންސްޑް ރެޒިލިއެންޓް ހަންގަނޑެއް ބިނާކުރަން ފަށަން މީހުންނަށް އިލްތުިމާސް ކޮށްދައި އެވެ.
ގްލާސް ސްކިން ޓްރެންޑު އުފެދިގެން އައީ ދެކުނު ކޮރެއާ އިންނެވެ. މި ޓްރެންޑުގެ މަޤްޞަދަކީ ވަރަށް އޮމާން ފުންމިނަށް ހައިޑްރޭޓެޑް ބިއްލޫރިހެން ދެފުށް ފެންނަ ހަންގަނޑެއް ހާސިލުކުރުމެވެ. މި ލުކް ހޯދުމަށް ވަރަށް ގިން ޕްރޮޑަކްތައް ބޭނުންކޮށްގެން މޫނުގައި އުނގުޅަން ޖެހެ އެވެ.