ރޮނާލްޑޯ ހޮލީވުޑަށް، ފުރަތަމަ ފެންނާނީ ފުޓުބޯޅަ ސީރީޒަކުން!
ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިނގިރޭސި ފުޓުބޯޅައިގެ ދުނިޔެ ދައްކުވައިދޭ ޑްރާމާ ސީރީޒަކުން ހޮލީވުޑްގެ ފުރަތަމަ މަސައްކަތް ފަށައިފި އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ފުރަތަމަ މަސައްކަތް ކުރާ ސީރީޒްގެ ނަމަކީ "ޑޭ ވަންސް" އެވެ. މި ސީރީޒްގައި އޭނާ ފެނުމުގެ އިތުރުން ޑްރާމާގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީވެސް ރޮނާލްޑޯ އެވެ.
މި ޑްރާމާ ސީރީޒުގައި ދައްކައިދެނީ ޚިޔާލީ ފުޓުބޯޅަ އެޖެންޓެއްގެ ދިރިއުޅުމެވެ. މި ސީރީޒްގެ މައި ރޯލުން ފެންނާނީ "ހޯމްލޭންޑް" އަދި "ބިލިއަންސް" އިން ވިދާލި ޑެމިއަން ލުއިސް އެވެ. މި ސީރީޒުން ކުރީގެ ފުޓުބޯޅަ ތަރި ތިއެރީ އޮންރީ ވެސް ފެންނާނެ ކަމަށް ބެލެވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ލަންޑަންގެ ހުޅަނގު އުތުރުގައި ހުންނަ ބާނެޓް އެފްސީގެ ދަ ހައިވް ސްޓޭޑިއަމްގައި ޑްރާމާގެ ޝޫޓިން މިހާރު ވަނީ ފަށައިފައެވެ. އެ ތަނުގައި ކުރިއަށްދާ ޕްރޮޑަކްޝަން ތެރެއިން އޮންރީގެ ފޮޓޯތައް ވެސް ފެނިފައިވެއެވެ.
ރޮނާލްޑޯގެ އިތުރުން މި ސީރީޒުން ފެންނާނެ ތަރިންގެ ތެރޭގައި އިނގިރޭސި ރެޕާ ޑޭވް އާއި ބަތަލާ ކާލޮޓާ ބެނެޓް ހިމެނެ އެވެ.
އިޝްތިހާރުތަކާއި ވީޑިއޯ ގޭމްތައް ފިޔަވާ ސްކްރިޕްޓެޑް ޕްރޮޑަކްޝަނެއްގައި ރޮނާލްޑޯ ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މި ސީރީޒް ދައްކާނެ ބްރޯޑްކާސްޓަރެއް ނުވަތަ ސްޓްރީމިން ޕްލެޓްފޯމެއް އަދި ރިލީޒް ތާރީޚެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.