އީރާނަށް ހަމަލަދިނުން މެދުކަނޑާލީ އެމެރިކާ ހަތިޔާރު ސްޓޮކް އިންތިހާ ދަށްވާތީ ކަމަށް ތަޖުރިބާކާރުން ބުނޭ
އީރާނާ ދެކޮޅަށް ޖެހިޖެހިގެން 13 ރޭ ވައިގެ ހަމަލާ ދިނުމަށް ފަހު މި ހަފުތާ ބަންދުގައި އެމެރިކާއިން ހަމަލާތައް މެދުކަނޑާލީ ހަތިޔާރު ސްޓޮކް ނުރައްކާތެރި މިންވަރަކަށް ދަށްވެގެން ކަމަށް ދިފާއީ ދާއިރާގެ ތަޖުރިބާކާރުންނާއި ބައެއް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.
ޚާއްޞަކޮށް ޕެޓްރިއޮޓް މިސައިލާއި ދުރު ރާސްތާ މިސައިލްގެ ސްޓޮކް ބޮޑުތަނުން ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވޮޝިންޓަނުގެ ސެންޓަރ ފޮ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން މެއި މަހު ނެރުނު ދިރާސާގައި ބުނެފައިވަނީ ހަނގުރާމައިގެ 38 ދުވަހުގައި 12،000 އަށް ވުރެ ގިނަ އަމާޒަށް ހަމަލާ ދީ، ޓޮމަހޯކް ކްރޫޒް މިސައިލާއި ޕެޓްރިއޮޓް އަދި ތާޑް އިންޓަސެޕްޓަރުގެ ސްޓޮކް ހަނގުރާމައިގެ ކުރިއާ އަޅައިބަލާއިރު ދެ ބައިކުޅަ އެއް ބައަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށެވެ. އެ ސްޓޮކް ކުރީގެ ހާލަތަށް ގެންނަން މަދުވެގެން ތިން އަހަރު ނަގާނެ ކަމަށް ދިރާސާގައި އަންދާޒާ ކޮށްފައިވެއެވެ.
ޕެންޓަގަނަށް މިހާރު މަހެއްގެ މައްޗަށް ލިބެނީ ގާތްގަނޑަކަށް 15 ޓޮމަހޯކް މިސައިލާއި 20 ޕެޓްރިއޮޓް މިސައިލެވެ. 2026 ވަނަ އަހަރު ތާޑް އިންޓަސެޕްޓަރުގެ އެއްވެސް ޑެލިވަރީއެއް ރޭވިފައެއް ނެތެވެ. ހަތިޔާރު އުފެއްދުން އިތުރުކުރަން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ކޮންގްރެސްގައި 67 ބިލިއަން ޑޮލަރުގެ ސަޕްލިމެންޓަލް ފަންޑިން އަކަށް އެދިފައިވެއެވެ.
ސީއެސްއައިއެސް އިން އިންޒާރު ދީފައިވަނީ އީރާނު ހަނގުރާމައަށް ހަތިޔާރު ފުދޭ ނަމަވެސް، ސްޓޮކް ދަށްވުމުން ހުޅަނގު ޕެސިފިކުގައި ޗައިނާ ފަދަ ބާރެއް ކުރިމަތީ "ނާޒުކު ދޮރެއް" ހުޅުވިފައިވާ ކަމަށެވެ. އެ ނާޒުކު ކަމުގެ ހެއްކެއް ގޮތުގައި، ޓައިވާނަށް ވިއްކަން ކޮންގްރެސް އެޕްރޫވް ކޮށްފައިވާ 14 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުން އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ މެދުކަނޑައިލައިފައެވެ.
ނަމަވެސް އެމެރިކާ ސަރުކާރުން މި ވާހަކަތައް ދޮގުކުރެއެވެ. އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް އާދީއްތަ ދުވަހު ބުނީ "މި ކެމްޕެއިން ހިންގަން ބޭނުންވާ ހުރިހާ އެއްޗެއް އެބަހުރި" ކަމަށެވެ. ވޯލްޓްޒް ބުނީ މި ވާހަކަތައް ލީކް ކުރާ މީހުން ޖަލަށް ލާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެން.ބީ.ސީ ނިއުސް އިން ރިޕޯޓް ކޮށްފައިވަނީ ހަތިޔާރު ރައްކާކުރަން ވެގެން އީރާނުގެ ބައެއް ހަމަލާތައް ދިފާއުނުކޮށް ދޫކޮށްލާ ކަމަށް ދެ ސީނިއާ އެމެރިކާ އޮފިޝަލަކު ބުނެފައިވާ ކަމަށެވެ.