Advertisement

ބަންގާޅު ކަނޑުގައި ޑީޕް ޑިޕްރެޝަނެއް - ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް

27 Jul 2026 | 20:41
-

ބަންގާޅު ކަނޑުގެ ހުޅަނގު އުތުރުގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަން، އިންޑިއާގެ ވެސްޓް ބެންގޯލް-އޮޑިޝާ އައްސެރި ހުރަސްކުރާނެ ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނެފިއެވެ.

އައިއެމްޑީން މިއަދު (27 ޖުލައި) ނެރުނު އެންމެ ފަހުގެ އަޕްޑޭޓުގައި ބުނެފައިވަނީ މި ނިޒާމު ގަޑިއަކު ތިން ކިލޯމީޓަރުގެ ލަސް ދުވެލީގައި އުތުރު-ހުޅަނގު އުތުރަށް ދަތުރުކުރަމުންދާ ކަމަށެވެ. ސާގަރް އައިލެންޑް ކައިރިން ދަތުރުކޮށް، ބާލާސޯރާއި ކެނިން ދެމެދުން، ހަލްދިއާ ކައިރިން އައްސޭރި ހުރަސްކުރާނެ ކަމަށް ލަފާކޮށްފައިވަނީ މިއަދު މެންދުރުފަހު ހާއިރުއެވެ.

Advertisement

މި ނިޒާމާ ގުޅިގެން ގަޑިއަކު 55 އާއި 65 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، 75 ކިލޯމީޓަރާ ހަމައަށް ވައި ގަދަވެދާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އޮޑިޝާ އާއި ވެސްޓް ބެންގޯލަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު ނެރެފައިވާ އިރު، ޖުލައި 29 ގެ ހެނދުނާ ހަމައަށް ކަނޑު ގަދަވާނެތީ މަސްވެރިން ކަނޑަށް ނުނިކުތުމަށް ވެސް ވަނީ އަންގައިފައެވެ.

މި ނިޒާމު ތޫފާނަކަށް ބަދަލުވާނެ ކަމަކަށް ލަފާކޮށްފައެއް ނުވެއެވެ. އައްސޭރި ހުރަސްކުރުމަށް ފަހު ބަލިކަށިވާނެ ކަމަށް ބެލެވެއެވެ. މިއީ މި ޖުލައި މަހު އިންޑިއާގެ އިރުމަތީ ސަރަޙައްދަށް އަސަރުކުރި ތިންވަނަ ކޮޅިގަނޑެވެ. މި ނިޒާމު ހުރީ ބަންގާޅު ކަނޑުގެ އެންމެ އުތުރުގައި ކަމުން ރާއްޖެއާ ވަރަށް ދުރުގައެވެ. ރާއްޖެއަށް ސީދާ ނުރައްކަލެއް އޮތް ކަމަކަށް ނުބެލެވެއެވެ.

Advertisement

ކޮމެންޓް