Advertisement

ޖަޕާނު ސަރުކާރުގެ އެހީގައި ބިނާކުރި މެރިޓައިމް ރެސްކިއު ސެންޓަރުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

27 Jul 2026 | 11:00
-

ޖަޕާނު ސަރުކާރުގެ އެހީގައި ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ޖަޕާނު ސަރުކާރުގެ ފަންޑިންގާ އެކު ވިލިމާލޭގައި ބިނާކުރި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

Advertisement

އެމްއާރުސީސީ އަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމުގެ މަސައްކަތް ވިލަރެސްކުރާ މައި މަރުކަޒެވެ. މި އިމާރާތުގެ ބިންގާ އެޅީ 2022 ވަނަ އަހަރުގެ ޖޫން 23 ގައެވެ. އެކި ސަބަބުތަކާ ހެދި މަޝްރޫއު ލަސްވެފައި ވަނިކޮށް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މި މަސައްކަތް އަވަސްކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވި ކަމަށް އެމްއެންޑީއެފުން ފާހަގަކުރައްވައެވެ. ކޯސްޓްގާޑުގެ ގާބިލުކަން ހަރުދަނާކުރެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ވެސް އެ އިދާރާއިން އެކަން ސިފަކުރައްވައެވެ.

އައު މަރުކަޒުގައި ކަނޑާއި ވައިގެ މަގުން ހިނގާ ހާދިސާތައް ވިލަރެސްކުރެވޭނެ ޒަމާނީ އޮޕަރޭޝަންސް ރޫމެއް ގާއިމުކޮށްފައިވެއެވެ. އޭގެ އިތުރުން އިންސާނީ ވަސީލަތް ތަރައްގީކޮށް ތަމްރީނު ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ވެސް ހިމެނެއެވެ.

މި މަޝްރޫއުގެ ފައިސާ ހަމަޖައްސައިދީފައި ވަނީ ޖަޕާނު ސަރުކާރުން ކަމަށް ވާއިރު މަސައްކަތް ވިލަރެސްކުރުމުގައި އދ. ގެ މަސްތުވާތަކެއްޗާއި ކުށާ ބެހޭ އޮފީހުން (ޔޫއެންއޯޑީސީ) ހާއްސަ ދައުރެއް އަދާކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. ހަމައެއާ އެކު އިމާރާތުން ދެވޭ ހިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމުކުރުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ވެސް ލިބިފައިވެއެވެ.

Advertisement

ކޮމެންޓް