ޑޮކްޓަރ މުހައްމަދު ލަތީފަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އަރުވައިފި
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ޑޮކްޓަރ މުހައްމަދު ލަތީފަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ.) މިއަދު އަރުވައިފިއެވެ.
ޑޮކްޓަރ މުހައްމަދު ލަތީފަކީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތުގެ އެކި ދާއިރާތަކުގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނުގެ ހިދުމަތުގެ އެންމެ ބޮޑު ބައެއް ހޭދަކުރެއްވީ ތައުލީމީ ދާއިރާގައި ކަމަށް ވާއިރު އެޑިޔުކޭޝަން މިނިސްޓަރުކަމާއި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަން ފަދަ އިސް މަގާމުތައް ފުރުއްވާފައިވެއެވެ.
ޑޮކްޓަރ މުހައްމަދު ލަތީފް އެންމެ ފަހުން ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ.