ކާނާއާއި ފެން ނެތި ކަނޑުމަތީގައިތިބި 6،000 ފަޅުވެރީންގެ ޙާލަތާ މެދު އދ. އިން އިންޒާރު ދީފި
ހޮރމުޒް ކަނޑުއޮޅީގެ ސަރަޙައްދުގައި ތާށިވެފައި ތިބި 6،000 އެއްހާ ފަޅުވެރީން ސަލާމަތުން ބާލައި، އެ މީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވުމުގެ އިންތިޒާމު އަވަހަށް ހަމަޖެއްސުމަށް، އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައި ކޮމިޝަނަރު ވޯކާ ޓާކް ހުކުރު ދުވަހު ގޮވައިލައްވައިފިއެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޓާކްގެ ފަރާތުން ވާހަކަ ދައްކަމުން ތަރުޖަމާނު ޝަބިއާ މަންޓޫ ބުނީ، މި ފަޅުވެރީން ތިބީ ނާޒުކު އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމަށެވެ. ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިއެމްއޯ) އިން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓައިލި ދުވަސްވަރު ވެސް ބޭލޭ ގޮތް ނުވެ، 400 އެއްހާ އުޅަނދުގައި މަދުވެގެން 6،000 ފަޅުވެރީން ވަނީ ތާށިވެފައެވެ. މިއީ ފުރިހަމަ ޢަދަދެއް ނޫން ކަމަށާއި، ފާރިސީ ގަލްފުގެ ކުދި އުޅަނދުތަކުގައި ތިބިކަމަށް ބެލެވޭ އިތުރު ބައެއްގެ ޚަބަރެއް ނުވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން 17 ފަޅުވެރިޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ބައެއް އުޅަނދުތަކުގެ ވެރީން ފަޅުވެރީން ކަނޑުމަތީގައި ދޫކޮށްލައިފައިވާއިރު، އެ މީހުންނަށް ލިބެންޖެހޭ މުސާރަ ވެސް ދީފައި ނުވާ ކަމަށާއި، އަނބުރާ ފޮނުވުމުގެ އެއްވެސް އިންތިޒާމެއް ހަމަޖައްސައިފައި ނުވާ ކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ބުނެއެވެ. މިގޮތަށް ދޫކޮށްލައިފައިވާ މަދުވެގެން ނުވަ އުޅަނދެއްގައި 93 ފަޅުވެރީން ތިބިކަން ފާހަގަކޮށްފައިވެއެވެ.
"ފަޅުވެރީން ތިބެންޖެހިފައި ވަނީ އުޅަނދުތަކުގައި އަމިއްލައަށް ދިރިއުޅުމަށް ދޫކޮށްލައިފައި. ކާނާ، ފެން، ތެޔޮ، ބޭސްފަރުވާ، ކަރަންޓު، އަދި ޢާއިލާއާ މުޢާމަލާތުކުރެވޭނެ ގޮތެއް ވެސް ނެތި،" މަންޓޫ ބުންޏެވެ. ކަނޑުއޮޅީގައި މަރުވުމުގެ ނުވަތަ ގެއްލުމެއް ލިބުމުގެ ބިރު އޮތް ގޮތަށް، ހަމަލާތަކުގެ ތެރޭގައި އެ މީހުން ތިބެންޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފަޅުވެރީންނަށް ކޮންސިއުލާ އެހީތެރިކަމާއި ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށާއި، އެ މީހުން ބާލައި އަނބުރާ ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތްތަކާއި އުޅަނދުތަކުގެ ވެރީންނަށް ޓާކް ވަނީ ގޮވައިލައްވައިފައެވެ. ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން، ފަޅުވެރީން ސަލާމަތުން ބޭލޭނެ މަގު ފަހިކޮށްދީ، ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ. "އާންމުންގެ އުޅަނދުތަކަށް ދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަން ހުއްޓައިލަން ޖެހޭ،" މަންޓޫ ބުންޏެވެ.
ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކެޕްލާގެ ޑޭޓާ ދައްކާ ގޮތުން ޖުލައި 22 އިން 24 އަށް، ދުވާލަކު އެ ކަނޑުއޮޅި ހުރަސްކުރީ ތިން އުޅަނދެވެ. ހަނގުރާމައިގެ ކުރީން ދުނިޔޭގެ ތެލުގެ ފަސް ބައިކުޅަ އެއްބައި އުފުލީ އެ ކަނޑުއޮޅި ހުރަސްކޮށެވެ. ރަތް ކަނޑުގައި އަލުން ފެށި ހަމަލާތަކަކީ ދިފާޢުކުރެވޭނެ ކަމެއް ނޫން ކަމަށް އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އަރްސީނިއޯ ޑޮމިންގޭޒް ވަނީ ބުނެފައެވެ.