Advertisement

ވިޖޭ ފިލްމު ކުޅުން ހުއްޓާލައިފި، ފަހު ފިލްމް "ޖާނާ ނާޔަގަން" ފޯރިއާ އެކު ރިލީޒްކޮށްފި

23 Jul 2026 | 09:06
ތަމިލް ނާޑޫގެ ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ --

އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭގެ 69 ވަނަ ފިލްމް "ޖާނާ ނާޔަގަން" ގާތްގަނޑަކަށް 1000 ސްކްރީނުގައި މިއަދު ރިލީޒްކޮށްފިއެވެ.

މި ފިލްމު ރިލީޒް ކޮށްފައި މިވަނީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ސެޓިފިކެޓް ލިބުން ލަސްވެގެން ހަ މަސް ފަހުންނެވެ. ކުރިން ރާވާފައި އޮތީ މިދިޔަ ޖެނުއަރީ ނުވައެއްގައި ރިލީޒްކުރާ ށެވެ.

Advertisement

އެކަންތައްގަނޑުގެ ތެރޭގައި އުޅެނިކޮށް ފިލްމު ވަނީ އޮންލައިކޮށް ލީކުވެފައި އެވެ. އެހެންވެ ގިނަ ބަޔަކު ގަބޫލު ކުރީ ފިލްމަށް ސިނަމާތަކުގައި މާބޮޑު ތާއީދެއް ނުލިބޭނެ ކަމަށެވެ.

ރިޕޯޓުތައެް ބުނާގޮތުގައި ހީވުމާއި ހިލާފަށް ޓިކެޓް ވިއްކަން ހުޅުވައިލި ވަގުތު މިނެޓްކޮޅެއް ތެރޭ ހުރިހާ ޓިކެޓެއް ހުސްވިއެވެ. ބައެއް ސިނަމާތަކުން ދަންވަރު ގަޑީގައި ބުކިން ހުޅުވައިލިއިރު ބްލެކް މާކެޓުގައި 1000 ރުޕީސް އާއި 2000 ރުޕީސް އާ ދެމެދުގެ އަގުގައި ޓިކެޓް ވިއްކާ ކަމަށް ބައެއް ސަޕޯޓަރުން އެކްސްގައި ތުހުމަތުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ބައެއް ސިނަމާތަކުން އޮންލައިންކޮށް މަދު ޓިކެޓެއް ދޫކޮށް ބާކީ ބައި ބްލެކް މާކެޓުގައި ވިއްކާ ކަމުގެ ޝަކުވާ ވެސް ކޮށްފައިވެއެވެ.

ފިލްމުގެ އާމްދަނީ 15 ކްރޯޑް ރުޕީސް ފަހަނައަޅައި ގޮސްފައިވާ އިރު ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި ފުރަތަމަ ދުވަހު މުޅި އިންޑިއާ އިން 50 ކްރޯޑް ރުޕީސް އާއި 60 ކްރޯޑް ރުޕީސް ދެމެދުގެ އާމްދަނީއެއް ލިބޭނެއެވެ. ފިލްމް ރިލީޒްކުރުމުގެ ކުރިން ބުދަ ދުވަހު ވިޖޭ އެ ފިލްމް ޗެންނާއީގެ އަޑިޔާރުގެ ޓެގޯ ފިލްމް ސެންޓަރުގައި ބެލި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ތަމިލް ނާޑޫ ތިއެޓާ އޯނާޒް އެންޑް އެގްޒިބިޓާޒް އެސޯސިއޭޝަންގެ ރައީސް ތިރުއްޕޫރް ސުބްރަމަނިއަން ބުނީ ވިޖޭ ފިލްމަކަށް ލިބޭނެ ކަމަށް އުންމީދުކުރާ ފަދަ ތަރުޙީބު ފިލްމަށް ލިބިފައިވާ ކަމަށެވެ. އަދި ފިލްމް ލީކުވީ ނަމަވެސް މީހުން ސިނަމާގެ ތަޖުރިބާ ވެސް ބޭނުންވާނެކަން އެނގޭ ކަމަށެވެ.

މިއީ ވިޖޭގެ އެންމެ ފަހުގެ ފިލްމެވެ. ޓަމިލް ނާޑޫޣެ ޗީފް މިނިސްޓަރުކަމާއި ހަވާލުވުމަށް ފަހު ވިޖޭ ވަނީ ފިލްމު ކުޅުން ހުއްޓާލާފައިވާ ކަން އިއުލާނުކޮށްފައި އެވެ. މި ފިލްމު ކުޅެފައިވަނީ އޭނާ މަގާމާއި ހަވާލުވުމުގެ ކުރިންނެވެ.

ފިލްމަށް "އޭ" ސެޓިފިކެޓް ލިބިފައިވާތީ ވިޖޭ ވެރިކަމަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ބެލެވޭ ކުޑަކުދިންނަށް ސިނަމާ ތެރޭގައި ފިލްމް ބެލުމުގެ ފުރުޞަތު ނެތެވެ. ވެރިކަން ކުރާ ތަމިޒަގާ ވެޓްރީ ކަޒަގަމް (ޓީވީކޭ) ގެ ލީޑާޝިޕުން ފިލްމް ރިލީޒްކުރުން ފެސްޓިވަލެއް ފަދައިން ފާހަގަކުރުމަށް ވަޒީރުންނާއި ޕާޓީ އޮފިޝަލުންނަށް އިރުޝާދު ދީފައިވާ ކަމަށް ޕާޓީގެ މަސްދަރުތައް ބުނެފައިވެއެވެ. ނަމަވެސް ޓިކެޓް ވިޔަފާރީގައި ނުވަތަ ޚިޔާލު ތަފާތުވުމެއް އުފެދިދާނެ ފަދަ ކަމެއްގައި ވަޒީރުން ނުވަތަ ޕާޓީ ކެޑަރުން ބައިވެރިނުވުމަށް ވެސް ޕާޓީން އަންގާފައިވެއެވެ.

ޖާނާ ނާޔަގަން އާ އެކު ވިޖޭ ވެފައިވަނީ ތަމިލް ނާޑޫގެ ޗީފް މިނިސްޓަރަކަށް ހުރެ ފިލްމެއް ރިލީޒްކުރި ތާރީޚުގައި އެމްޖީ ރާމަޗަންދުރަން ފަދައިން މި ޝަރަފު ހާސިލްކުރި ހަމައެކަނި ތަރިންގެ ތެރޭގައި ހިމެނޭ ތަރިއަކަށެވެ.

Advertisement

ކޮމެންޓް