Advertisement

ޓެސްޓު ކުރަމުންދިޔަ އޭއައި މޮޑެލެއް އިންޓަނެޓު ތެރެއަށް ދެމިގަނެ އެހެން ކުންފުންޏަކަށް ހަމަލަދީފި - ފުރަތަމަ އޭއައި ސައިބާ ހަމަލާ

23 Jul 2026 | 00:54
-

ޗެޓްޖީޕީޓީ ހެދި ކުންފުނި އޯޕެންއޭއައި އިން އެ ކުންފުނީގެ އެންމެ ފެންވަރު މަތީ ދެ އޭއައި މޮޑެލެއް ސައިބާ ގާބިލުކަން ވަޒަންކުރުމުގެ ސެކިއުރިޓީ ޓެސްޓެއްގައި ބޭނުންކުރަމުން ދަނިކޮށް، އެ ދެ މޮޑެލް ކޮންޓްރޯލް ކޮށްފައި ހުރި މާހައުލުން ނުކުމެ، އިންޓަނެޓު މެދުވެރިކޮށް އޭއައި ސްޓާޓަޕެއް ކަމަށްވާ ހަގިން ފޭސްގެ ސާވާތަކަށް ވަދެގެންފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އޯޕެންއޭއައި އިން އަންގާރަ ދުވަހު ބްލޮގް ޕޯސްޓެއްގައި ބުނީ، ޖީޕީޓީ 5.6 ސޮލް އާއި އެއަށް ވުރެ ވެސް ކުޅަދާނަ މޮޑެލެއް ޓެސްޓުގައި ރަނގަޅު ނަތީޖާ ހޯދުމުގެ ބޭނުމުގައި "އިންތިހާ ދަރަޖައަށް" މަސައްކަތް ކުރި ކަމަށެވެ. އެ ގޮތުން ސޮފްޓްވެއާއެއްގެ ސެކިއުރިޓީ ބާގަނޑެއް ހޯދައިގެން ކޮންޓްރޯލް ކޮށްފައި ހުރި މާހައުލުން ނުކުމެ، ވަގަށް ނެގި ލޮގިން ތަކެތި ބޭނުންކޮށް ހަގިން ފޭސްގެ ސިސްޓަމަށް ވަނީއެވެ. ބޭނުމަކީ ޓެސްޓުގައި މޮޅު ނަތީޖާ ހޯދަން ބޭނުންވާ ޑޭޓާ ސެޓާއި މޮޑެލް ހޯދުމެވެ. އޯޕެންއޭއައި ބުނީ މީ "ދުނިޔެ މިހާތަނަށް ނުދެކޭ ފެންވަރުގެ ސައިބާ ހާދިސާއެއް" ކަމަށެވެ.

Advertisement

ހަގިން ފޭސްގެ ސެކިއުރިޓީ ޓީމުން މި ހަމަލާ ދެނެގަނެ މިނިވަންކޮށް ހުއްޓުވީ، އޯޕެންއައި އިން ގުޅައި އެންގުމުގެ ކުރިންނެވެ. ހަގިން ފޭސްގެ ކޯ-ފައުންޑާ އަދި ސީއީއޯ ކްލެމް ޑެލައންގް ބުނީ ފްރަންޓިއާ ލެބެއް ފަހަތުގައި ވާ ހަމަލައެއް ކަމަށް ޝައްކުވި ކަމަށާއި، "ހައިރާންވާ ކަމަކީ ހުރިހާ ކަމެއް ހިނގީ މުޅީން އޮޓޮމެޓިކުން" ކަމަށް ވުން ކަމަށެވެ. ޑެލައންގް ބުނީ މިކަމުން ސާބިތުކޮށްދެނީ އޭއައި ސޭފްޓީ އެއް ކުންފުންޏަކަށް ސިއްރުކޮށްގެން ހައްލު ނުކުރެވޭނެ ކަން ކަމަށެވެ.

މި ހާދިސާ ހާމަވުމާ ގުޅިގެން، އެމެރިކާގެ ކޮންގްރެސް މެންބަރު ގްރެގް ކަސާރު ބުނީ މީ ވަރަށް ނުރައްކާ ކަމެއް ކަމަށާއި އޭއައި ރެގިއުލޭޓް ކުރާނެ ޤާނޫނެއް ނެތި ކުރިއަށް ދާ ކަމަށެވެ. ޓްރަމްޕް ވަނީ ހަފްތާތަކެއް ކުރިން، ފެންވަރު މަތީ އޭއައި ސިސްޓަމްތައް ޢާންމު ކުރުމުގެ ކުރިން ޤައުމީ ސަލާމަތީ ވެޓިން އެއް ހެދުމުގެ އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކޮށްފައެވެ. ޖޫންމަހު އެންތްރޮޕިކް ކުންފުނިން ވެސް ވަނީ އެންމެ ބާރުގަދަ އޭއައި ސިސްޓަމް ޑިވެލޮޕް ކުރުން މެދުކަނޑައިލުމަށް ސިނާޢަތަށް ގޮވައިލައިފައެވެ.

Advertisement

ކޮމެންޓް