މަޝްހޫރު ޔޫޓިއުބާ މިސްޓާ ބީސްޓާއި ލޯބިވެރިޔާ ތިއާ ކައިވެނި ކޮށްފި
ޔޫޓިއުބުގެ އެންމެ މަޝްހޫރު ތަރި ޖިމީ ޑޮނަލްޑްސަން ނުވަތަ މިސްޓާ ބީސްޓް، އޭނާގެ ޒަމާންވީ ލޯބިވެރިޔާ ތިއާ ބޫއިސެންއާ ކައިވެނިކޮށްފި އެވެ.
މި ކައިވެނި ހަފްލާ ބޭއްވީ ވަރަށް ސިއްރު ރަސްމިއްޔާތެއްގެ ގޮތުގައި ބްރިޓިވް ވާޖިން އައިލެންޑްސްގެ ތެރޭގައި ހިމެނޭ ނެކާ އައިލެންޑުގައި އެވެ. މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތު އާއިލާ އާއި، ޢާއިލާގެ ގާތް މެންބަރުންނާއި ރައްޓެހީންނެވެ.
ދެމީހުން ކައިވެނި ކުރިކަން މިސްޓާ ބީސްޓް އިންސްޓަގްރާމް މެދުވެރިކޮށް ރަސްމީކޮށް އިއްޔެ ހާމަ ކުރީ ކައިވެނީގެ ފޮޓޯ ތަކާއި އެކު އެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ މިސެސް ބީސްޓް ހޯދައިފިން ކަމަށާއި އެއީ ހަޔާތުގެ އެންމެ ރީތި ދުވަސް ކަމަށެވެ.
ކައިވެނީގެ ހަފްލާތަށް ހަފްތާއަކަށް ދެމިގެން ދިޔައިރު މެހުމާނުންގެ ގޮތުގައި ގެންދިޔަ މީހުންނަށް ހާއްސަކޮށް ސްނޯކެލިން ކުރުމާއި ރަށުގައި ދިރިއުޅޭ ކެންގަރޫތަކަށް ކާންދިނުމާއި ކައިޓް ސާފިން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔަ އެވެ. ކައިވެނި ކުރިކަން ހާމަ ކުރި ފަހުން ތިއާ މީޑިއާގައި ބުނީ ކައިވެނި ހަފްލާތަކުގެ ތެރޭގައި ޖިމީ އޭނާގެ އާއިލާ އާއި ދުރުތާ ތިމާގެ މީހުންނާއި އުފެއްދި ގާތް ގުޅުމުން އިތުރަށް ލޯބި ވެވުނު ކަމަށެވެ.
މިސްޓާ ބީސްޓާއި ތިއާ ފުރަތަމަ ބައްދަލުވީ 2022 ގައި ތިއާ ނިސްބަތްވާ ދެކުނު އެފްރިކާއަށް މިސްޓާ ބީސްޓު ކުރި ދަތުރެއްގައި އެކުވެރިއެއް މެދުވެރިކޮށެވެ. އެއަށް ފަހު އެކްސް ޕްލެޓްފޯމް މެދުވެރިކޮށް މެސެޖުކޮށްގެން ދެ މީހުންގެ ގުޅުން ކުރިޔަށް ގެންދިޔަ އިރު ދެ މީހުން ފުރަތަމަ ފަހަރަށް ޢާންމުންގެ ކުރިމައްޗަށް ނުކުތީ 2022 ގެ އެޕްރީލް މަހު ކިޑްސް ޗޮއިސް އެވޯޑްސްގައެވެ.
އޭގެ ފަހުން މިސްޓާ ބީސްޓުގެ ބައެއް ވީޑިއޯތަކުންވެސް ތިއާ ފެނެ އެވެ.
މިސްޓާ ބީސްޓަކީ ޔޫޓިއުބްގައި އެންމެ ފޮލޯވަރުން ގިނަ މީހާ އެވެ. އޭނާގެ 508 މިލިއަން ފޮލޯވަރުން ތިބެ އެވެ.