Advertisement

ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުން 50،000 ރައްޔިތުންގެ ދިރިއުޅުމަށް އަސަރު ކުރާނެ: ފައްޔާޒް

21 Jul 2026 | 20:17
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒާއި ހަސަން ލަތީފް -- ފޮޓޯ: އެމްޑީޕީ

ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް އެންގި އެންގުމާ ގުޅިގެން 50,000 އަށް ވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް އަސަރު ފޯރާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މި ނިންމުމާއި އެކު 14,733 މީހުން ވަޒީފާއިން ވަކިކުރަން ޖެހޭނެ ކަމަށެވެ. އެކަމުގެ ސަބަބުން އެ ޢަދަދުގެ މީހުންގެ އާމްދަނީ ހުއްޓިގެންދާއިރު އެ މީހުންގެ ޢާއިލާތައް ހިމެނޭ ގޮތުން ބައި ލައްކައެއްހާ ރައްޔިތުންނަށް ސީދާ ގޮތުން ގެއްލުން ލިބޭނެ ކަމަށެވެ.

Advertisement

ރާއްޖޭގެ އާބާދީއާ އަޅައި ބަލާއިރު އެއީ ނިސްބަތުން ވަރަށް ބޮޑު ޢަދަދެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުން ކަނޑާލާ ޢަދަދަށް ބެލުމުން ބާކީ ތިބޭނީ ކުރީގެ އެމްޑީޕީ ސަރުކާރުގައި ވެސް ކުންފުނިތަކުގައި ތިބި ޢަދަދާ ދާދި އެއް ޢަދަދެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމާ ހަވާލުވީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ހަމައެހެންމެ ކުންފުނިތަކުގައި މުވައްޒަފުން އިތުރުވި ސަބަބު ޕީސީބީން ބެލިތޯ އާއި އެކަމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

ހަމަ އެ ބައްދަލުވުމުގައި "ބޮޑު ބަދަލު" އޮފީހުގެ ޑިރެކްޓާ ޖެނެރަލް ޙަސަން ލަތީފު ވަނީ ވަކިވަކި ކުންފުނިތަކުން ވަކިކުރަން ޖެހޭ ޢަދަދުތައް ހާމަކުރައްވައިފައެވެ. އެ ގޮތުން އެސްޓީއޯގެ 7،100 މުވައްޒަފުންގެ ތެރެއިން 1،353 މީހުން، ފެނަކައިގެ 7،900 މުވައްޒަފުންގެ ތެރެއިން 2،607 މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އަދި އެމްއޭސީއެލްގެ 7،290 މުވައްޒަފުންގެ ތެރެއިން 1،980 މީހުން ވަކިކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ކުދި ކުންފުނިތަކަށް ބެލާއިރު ޙައްޖު ކޯޕަރޭޝަނުގެ 46 މުވައްޒަފުންގެ ތެރެއިން 15 މީހުން އަދި މޯލްޑިވްސް ޕޯސްޓުގެ 310 މުވައްޒަފުންގެ ތެރެއިން 102 މީހުން ވަކިކުރަން ޖެހޭ ކަމަށް ވެސް ޙަސަން ވިދާޅުވިއެވެ.

މިދިޔަ އެޕްރީލް 18 ގައި ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އެ އެންގުން ފޮނުވީ ހިންގުމުގެ ޚަރަދު ކުޑަކޮށް ޚަރަދު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ބައެއްގެ ގޮތުގައެވެ. އޭގެ ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ތިން މަސް ތެރޭގައި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިންމުމަށް ކުންފުނިތަކަށް އަންގައިފައެވެ.

Advertisement

ކޮމެންޓް
ދިރާސާ
ތި ވަޒީފާ ތަކުގައި ތިބޭނީ ފޭސް2 އަށް ހިޖުރަކުރި މީހުން ގިނައިން އެވެރިން ހާލުގައި އެޖެހުނީ ކުލި ދައްކާނީ އަދި ކާނީ މިހެނެއް ގަސްތުގައި ރައްޔިތުން .މާލެއަށް ޖަމާކޮށް އެމީހުން "ހަނާކުރަނީ"
21 Jul 2026