ޝަކީރާގެ ވޯލްޑް ކަޕް ފައިނަލް ހެދުން: 200,000 ސްވަރޮވްސްކީ ކްރިސްޓަލް، 120 ގަޑިއިރުގެ މަސައްކަތް
ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ހާފް ޓައިމް ޝޯގައި ޝަކީރާ ލީ ހެދުމުގައި 200,000 އަށް ވުރެ ގިނަ ސްވަރޮވްސްކީ ކްރިސްޓަލް ހިމެނޭ އިރު، އެ ކްރިސްޓަލްތައް އަތުން ޖެހުމަށް 120 ގަޑިއިރު ހޭދަވި ކަމަށް ވޮގް މެގަޒިންގައި ރިޕޯޓުކޮށްފައިވެއެވެ.
ޢުމުރުން 49 އަހަރުގެ ޝަކީރާ އާދީއްތަ ދުވަހު (ޖުލައި 19) ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ޕާފޯމް ކުރީ ރޮބާޓޯ ކަވައްލީ ބްރޭންޑުގެ ކްރިއޭޓިވް ޑައިރެކްޓަރު ފައުސްޓޯ ޕުގްލީސީ ޚާއްޞަކޮށް ފަރުމާކުރި ހެދުމެއްގައެވެ. އޮރެންޖާއި ޕިންކާއި ރީނދޫގެ ކުލަތައް ހިމެނޭ މި ހެދުމުގެ ކުލަ ކޮންސެޕްޓް ހުށަހެޅީ ޝަކީރާ އަމިއްލައަށެވެ. ފައުސްޓޯ ވޮގް އަށް ބުނީ ޝަކީރާ ބޭނުންވީ "އޮރެންޖް ސަންސެޓް" ގެ ކުލަތައް ކަމަށާއި، ހެދުމުގެ ކުލަ ހިޔާލު ނެގީ މެކްސިކޯ ސިޓީގެ ލަ ކޮންޑެސާ އަވަށުގެ ޢިމާރާތްތަކުގެ ކުލަތަކުން ކަމަށެވެ.
ޝަކީރާ ބުނީ މި ހެދުމަކީ "ފުލް ސާކަލް" ވަގުތެއް ކަމަށެވެ. 2010 ގެ ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި "ވާކާ ވާކާ" ޕާފޯމް ކުރި އިރު ލީ ނިއޯން ކުލަ ހެދުމަށް ނިސްބަތް ކުރާ ކަމަށެވެ. "ކުރީގެ ހަނދާންތަކަށް ޤަދަރު ކުރުމާ އެކު ކުރިއަށް ބެލުން" ކަމަށް ޝަކީރާ ސިފަކުރިއެވެ.
ވޯލްޑް ކަޕް ފައިނަލުގެ ހާފް ޓައިމް ޝޯ އަކީ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭއްވި ފައިނަލް ހާފް ޓައިމް ޝޯ އެވެ. ކޯލްޑްޕްލޭ ގެ ފްރަންޓްމޭން ކްރިސް މާޓިން ކިއުރޭޓް ކުރި 11 މިނެޓުގެ މި ޝޯގައި ޝަކީރާގެ އިތުރުން މެޑޯނާ އާއި ބީޓީއެސް އާއި ޖަސްޓިން ބީބާ ވެސް ޕާފޯމް ކުރިއެވެ. ޖަސްޓިން ބީބާ ސްޓޭޖަށް ތަޢާރަފުކުރީ "ޓެޑް ލާސޯ" ގެ ގޮތުގައި ޖެއިސަން ސޫޑެއިކިސް އެވެ. މެޗު ފެށުމުގެ ކުރީން ރޮބީ ވިލިއަމްސް ވަނީ ނިކޯލް ޝެޒިންގާ އާއި ލޯރާ ޕައުސީނީ އާ އެކު ފީފާގެ ރަސްމީ ލަވަ "ޑިޒަޔާ" ކިޔައިފައެވެ. ހޮލީވުޑް ތަރި ޓޮމް ކްރޫޒް ދަނޑަށް ނުކުމެ ބެލުންތެރީންނާ މުޚާޠަބުކުރީ "ފުޓުބޯޅައިގެ ބަހެއް ނެތް" ކަމަށާއި މި ޓޯނަމެންޓުން ދުނިޔެ ގެނެސްދިނީ އެއްބައިވަންތަކަން ކަމަށެވެ.