ދޮގު ވާހަކަ ނުފަތުރާ، "3 އިޑިއަޓްސް" އާއި ހަޅުތާލު ކުރާ ވަންޗުކާއި އެއްވެސް ގުޅުމެއް ނެތް: އާމިރް ހާން
އިންޑިއާގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ތިމާވެށީގެ އެކްޓިވިސްޓް އަދި އުފެއްދުންތެރިކަމާއި އިންޖިނިއަރިންގެ ދާއިރާގައި މަޝްހޫރު ސޯނަމް ވަންޗުކް އާއި ބޮލީވުޑްގެ މަޝްހޫރު ފިލްމު "3 އިޑިއަޓްސް" އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ފިލްމު ލީޑް އެކްޓަރު އާމިރު ހާން ބުނެފި އެވެ.
އިންޑިއާގައި އޮންލައިންކޮށް ފެށި ސިޔާސީ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ން ވެރިރަށް ނިއުދިއްލީގެ މަގުމަތީގައި ކުރިޔަށް ގެންދާ ސިޔާސީ އެއްވުމެއްގައި ބައިވެރިވެ ވަންޗުކް ދަނީ މިދިޔަ މަހުގެ 28 ން ފެށިގެން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުންނެވެ.
ވަންޗުކް މި ހަރަކާތާއި ގުޅުމަށް ފަހު ބުނީ އޭނާ ދެން ކާއެއްޗެއް ކާނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދާން އިސްތިއުފާދެއްވުމުން ކަމަށެވެ. މިކަމާއި ގުޅިގެން ވަންޗުކަށް ބޮޑު ސަމާލު ކަމެއް ލިބެމުންދާއިރު އެ ހަރަކާތުގައި އިސްކޮށް އުޅޭ މީހުންނާއި ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ވަންޗުކަކީ ފިލްމު "3 އިޑިއަޓްސް" ގައި އެމީހެއްގެ ހަޔާތުގެ ވާހަކަތައް ފެންނަ ބާނީ އެވެ.
މިވާހަތަކުގެ އަޑު ގަދަވެފައިވަނިކޮށް 2009 ވަނަ އަހަރު ރިލީޒް ކުރި އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔަ އާމިރް ހާން ވަނީ އެއީ ދޮގެއްކަން ހާމަކޮށް ވާހަކަ ދައްކާފައި އެވެ. މިހާރު އިންޑިއާގެ މުމްބާއީގައި ކުރިޔަށްދާ ބްރިޓިޝް އިންޑިއަން ފިލްމް ފެސްޓިވަލްގެ ތެރެއިން ނޫސްވެރިންނާއި ވާހަކަދައްކަމުން އާމިރު ބުނީ އެ ފިލްމު ހެދި އިރު ވަންޗުކަކީ އެމީހުން ދަންނަ މީހެއްވެސް ނޫން ކަމަށެވެ.
އަދި ފިލްމަކީ ވަންޗުކްގެ ހަޔާތަށް އުފައްދާފައިވާ ފިލްމެއް ކަމަށްބުނެ ދައްކަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ. އޭނާ ބުނީ ފިލްމު ލިޔުނު މީހުން ކަމަށްވާ އަބީޖަތް ޖޯޝީ އާއި ރާޖް ކުމާރު ހިރާނީއަށްވެސް ވަންޗުކްއަކީ ކާކުކަން ނޭނގޭ ކަމަށެވެ.
އާމިރުވެސް މިހާރު ވަންޗުކް ކުރަމުންދާ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލަށް ތާއީދު ކުރި ނަމަވެސް އެދެނީ ވީހާވެސް އަވަހަކަށް އެކަން ހުއްޓާލުމަށެވެ. އޭނާ ބުނީ ގައުމަށް ހިދުމަތްތަކެއް ކޮށްދީފައިވާ ވަންޗުކް ފަދަ ހިދުމަތްތެރިއަކު މަރާ ހަނގުރާމަ ކުރުމަކީ ދެކެން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވަންޗުކްގެ ހަޑިގަނޑުން އަށް ކިލޯ ލުއިވެ، ވަރުދެރަވެ، އެކަނި ހިނގާބިނގާވެ އުޅުމަށް މިހާރު އުނދަގުލެވެ. އޭނާ ހަމައެކަނި ބޮނީ ލޮނު ފެނެވެ. ވަންޗުކް މި ހަޅުތާލު ކުރާތާ އިއްޔެއަށް ވަނީ 19 ދުވަސްވެފައި އެވެ.
އޭނާގެ ސިއްހީ ހާލަތު ބަލަމުންދާ ޑޮކްޓަރުން ބުނެފައިވަނީ ވަންޗުކް ސިއްހީ ހާލަތު ދަށަށް ދާ ކަމަށާއި އެކަމަކު އަދިވެސް ނުކައި ހުރެވޭނެ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވަންޗުކްގެ ހަޅުތާލުގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށް ވެފައިވީ ނަމަވެސް ސަރުކާރުން އަދިވެސް މި މައްސަލައިގަ ވާހަކަ ނުދައްކާ ކަމަށެވެ. އަދި އޭޑިއުކޭޝަން މިނިސްޓަރުވެސް ވާހަކަ ދައްކަވާފައި ނުވާ ކަމަށް ބުނެ އެވެ.