Advertisement

އިޖުތިމާޢީ ޚިދުމަތްތައް ޑިޖިޓަލްކުރަން "އިތާ" ޕޯޓަލް ތަޢާރަފުކޮށްފި

16 Jul 2026 | 15:46
-

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް އެކުލަވާލި "އިތާ" ޕޯޓަލް މިއަދު އިފްތިތާޙުކޮށްފިއެވެ.

އެ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވަޒީރު ގީލާ އަލީއެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތައްޔާރުކުރި މި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ އަމާޒަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް މައްސަލަ ބަލައިގަންނަ ހިސާބުން ފެށިގެން ނިމުމާ ހަމައަށް ޑިޖިޓަލްކޮށް ބެލެހެއްޓޭނެ ނިޒާމަކަށް ބަދަލުކުރުމެވެ.

Advertisement

ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ "އިތާ" ޕޯޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޕޯޓަލްގެ ސަބަބުން އެންމެ ބޮޑަށް ފެންނާނެ ބަދަލަކީ ވުޒާރާގެ މަސައްކަތުގެ ދުވެލި ހަލުވިވުން ކަމަށް ބެލެވެއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ތެރެއިން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމުގައި މުވައްޒަފުންނަށް ފަސޭހަތަކެއް ލިބޭނެއެވެ. މީގެ އިތުރުން މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެއެވެ.

ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައުމުން ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިއާއެކު ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ވުޒާރާއަށް ގުޅައިގެން މަޢުލޫމާތު ސާފުނުވެގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

"އިތާ" ޕޯޓަލްގެ ސަބަބުން ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމާއި ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ އިބަމަ ޕްރޮގްރާމުގެ މަސައްކަތްތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ހުއްޓުމަކަށް އައިސް ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަވެ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް