ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި "ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީއީއޯ ޝަރީފު ވިދާޅުވީ ޚަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ބޭންކާ މެދު ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އެގޮތުން ބީއެމްއެލްގައި ޑޮލަރު ނެތް ކަމަށާއި، ބޭންކު ޕްރޮފެޝަނަލްކޮށް ނުހިންގާ ކަމަށާއި، ކޮންޓްރެކްޓަރުންނަށް ލޯނު ދޫކޮށްގެން ނުވާނެ ކަމަށް ބުނެ ފެތުރި ވާހަކަތައް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ މިފަދަ ގޮތަކަށް ވާހަކަ ދައްކައިގެން ބޭންކުގައި ޑޮލަރު ނެތް ކަމުގެ ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުކުރުން ކަމަށެވެ. ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ އިގުތިސާދާ ލާމެހި ގުޅިފައިވާ ބޭންކެއް ކަމުން، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ދިވެހި އިގުތިސާދަށް ފޫނުބެދޭ ފަދަ ގެއްލުން ލިބިދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ކޮންމެ މަގުސަދެއްގައި ކަމުގައި ވީ ނަމަވެސް މި ބޭންކާ މެދު ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށް އަޅުގަނޑު އެދެން" ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަތް ރަށެއްގައި ބީއެމްއެލްގެ ބްރާންޗު ހުޅުވި އެވެ. އަދި ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށް، ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޑިޖިޓަލް ވޮލެޓް 'ސުވައިޕް'އަށް ބޭރުން ފައިސާ ގެނެވޭނެ ހިދުމަތް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.