ގުޅިފަޅު ގޯތީގެ ލިޔުން ޕޯޓަލުން ލިބޭ ގޮތް ހަދައިފި
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މީގެ ކުރިން މި ލިޔުން ދޫކުރަމުން އައީ ގުޅިފަޅަށް ގޮސްގެންނެވެ. ނަމަވެސް މިހާރު އެ ސަރަހައްދަށް ދިއުމަކާ ނުލައި ޕޯޓަލް މެދުވެރިކޮށް ލިޔުން ހޯދޭނެއެވެ. ލިޔުން ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން ފުރަތަމަ ކުރައްވަންވީ ކަމަކީ އީފާސް (eFaas) މެދުވެރިކޮށް ހިޔާވަހި ޕޯޓަލަށް ލޮގިން ކުރެއްވުމެވެ. އެއަށްފަހު ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން "ގޯތި ހަވާލުކުރުން" ބަޔަށް ދިއުމުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނާނެއެވެ. "ގޯތި ހަވާލުކުރިކަމުގެ ލިޔުން" ބައިން ލިޔުން ޑައުންލޯޑް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލޭނެ ކިއު.އާރް (QR) ކޯޑަކާއި ލިންކެއް ހިމެނިފައި ހުންނާނެއެވެ. މި ކޯޑު ސްކޭންކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި ހުރި ތަން މެޕުން ފެންނާނެއެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ގޯތި އޮތް ސަރަހައްދާއި ގޯތީގެ މިހާރުގެ ހާލަތު ބެލުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
މި ލިޔުން ޑައުންލޯޑް ކުރެއްވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނިކަން ފާހަގަކުރެވެއެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.