ސައިބާ ކުށްތައް 105 ޕަސެންޓް އިތުރުވެ، އޮންލައިން ޝޮޕިން ސްކޭމް 464 އަށް
ރާއްޖޭގައި އޮންލައިން ވިޔަފާރިއާ ގުޅޭ ސްކޭމްތައް އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސައިބާ ކުށްތައް 105 ޕަސެންޓަށް ވުރެ އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރިޕޯޓުކުރީ ސައިބާ ކުށްތަކުގެ 512 މައްސަލައެވެ. އެކަމަކު މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެ އަދަދު 1053 އަށް އަރައިފައިވެއެވެ. މިހާރު 884 މައްސަލައެއް ތަހުގީގު ކުރަމުން ދާއިރު ތަހުގީގު ނިންމުމަށްފަހު 457 މައްސަލަ ފައިލްކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ނިސްބަތް އެހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމަށެވެ. އަދި ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލައަކީ އޮންލައިން ޝޮޕިން ސްކޭމް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން މިއަހަރު 464 މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު އެ މުއްދަތުގައި ހުށަހެޅީ 86 މައްސަލައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް ވެސް 15 މައްސަލައިން 109 މައްސަލައަށް މިއަހަރު އިތުރުވެފައިވެއެވެ. ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވެސް 83 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި މިއަހަރު 103 މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހެޅީ 56 މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެއްލޭ ފައިސާ އަނބުރާ ހޯދައިދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 182 މައްސަލައެއްގައި އާންމުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ހެކްކޮށްފައިވާ ވައިބާ އާއި ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ ހޯދައިދީފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެފަދަ ކުށްތަކަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގަމުންދާ ކަމަށާއި މިހާތަނަށް އޮފީސްތަކާއި ބެލެނިވެރިން އަދި ދަރިވަރުން ހިމެނޭ ގޮތަށް 3000 އަށް ވުރެ ގިނަ މީހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުގައި އާ އުކުޅުތައް ބޭނުންކުރަމުން އަންނަ ކަމަށާއި އެފަދަ ކުށްތައް ހުއްޓުވައި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭ ކަމަށް ޝައްކުކުރެވިއްޖެނަމަ ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ ކުށްވެރިން ހޯދުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.