Advertisement

މަސް ގަތުމަށް މިފްކޯއަށް ސަބްސިޑީ ދިނުން ސަރުކާރުން ހުއްޓާލައިފި

14 Jul 2026 | 11:25
މިނިސްޓާރު ޝިޔާމް ވާހަކަފުަޅު ދައްކަވަނީ - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސް ގަންނަން މިފްކޯއަށް ސަރުކާރުން މިހާރު އެއްވެސް ފައިސާއެއް ދެމުން ނުދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަހުގެ އެކްސްޕޯޓް އިތުރުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ސިޔާސަތުތަކާ އެކު ކަމަށެވެ.

Advertisement

މިދިޔަ ސަރުކާރު ނިމެން ކައިރިވެފައި އޮއްވައި މަސް ކިލޯއެއް 25ރ. އަށް ގަންނަން ސިޔާސަތަށް ގެނައި ބަދަލަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ އެ އަގު މިފްކޯއިން މަސް ގަތުމަށް ކޮންމެ ކިލޯއަކަށް 13ރ. ސަރުކާރުން ދައްކަން ޖެހުނު ކަމަށެވެ. އަހަރެއްގެ މައްޗަށް 123,000 ޓަނުގެ ކަޅުބިލަމަސް ނަމަ ސަރުކާރުން ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ބިލިއަނުން ފައިސާ ދޭން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ހިތަށް އަރަނީ ކީއްވެބާއޭ ބިލިއަނުން ހަރަދު ނުކުރީ އިންފްރާސްޓްރަކްޗާ ގާއިމް ކުރަން. ފެކްޓްރީތައް ގާއިމްކުރަން" މިނިސްޓަރު ވިދާޅުވި އެވެ. ފެލިވަރާއި ޕްރައިވެޓް ތަންތަނާ އެކު މި ވަގުތު ރާއްޖޭގައި މަސް ޕްރޮސެސިން ކެޕޭސިޓީއަކީ 105 ޓަނެވެ. ފ. ނިލަންދޫ އާއި ގދ. ފިޔޯރީ މަސް ޕްރެސެސް ކުރެވޭނެ ގޮތް ހަދައި ފެލިވަރުގެ ކެޕޭސިޓީ ދެގުނަ ބޮޑުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިފްކޯއަށް ސަރުކާރުން މަސް ގަންނާށޭ ކިޔާފައި އެންމެ ރުފިޔާއެއް ވެސް ނުދެން. އެންމެ ރުފިޔާއެއް ވެސް ނުދެން. މިއީ މި ސިޔާސަތުތަކުގެ ސަބަބުން. އަޅުގަނޑުމެން ބޭނުން ވަނީ މިފްކޯއަކީ ވެސް ކޮޅަށް ހުރެގެން މަސައްކަތް ކުރާ ކުންފުންޏަކަށްވުން" މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

ކޮމެންޓް