ހިރިމަރަދޫ ފްލެޓް މަޝްރޫއަށް ހަނިމާދޫ ކައުންސިލްގެ އެއްބާރުލުން ނުލިބޭ: މިނިސްޓަރު
ހދ. ހިރިމަރަދޫ ރައްޔިތުން ބަދަލުކުރަން އެ އަތޮޅު ހަނިމާދޫގައި ހިންގާ ހައުސިން މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުއްޣަފޫރު މޫސާ މި މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރެއްވުމުން މުއްތަލިބު ވިދާޅުވީ ފަޅުރަށެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ހިރިމަރަދޫގެ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އަޅަން މެންބަރުގެ ފަރާތުން ވެސް އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ މަޝްރޫއަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންނަށް ހިންގާ ހައުސިން މަޝްރޫއަކީ ވަކި މަޝްރޫއެއް ކަމަށާއި ހަނިމާދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިން މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
"ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔަވާހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ. އެހެންވީމާ ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި އެ މަސައްކަތް އަވަހަށް ފެށިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.
"އެ މަސައްކަތަށް ރަށު ކައުންސިލްގެ އަދި ރަށު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ ވަރަށް ބޮޑަށް."
އުތުރުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދުއަށް ވަޑައިގެން އެ ރަށު މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ޚިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމުކުރަން އެޗްޑީސީއާ ހަވާލުކުރެއްވި އެވެ. ނަމަވެސް މިހާތަނަށް ވެސް އެކަމުގެ ޢަމަލީ މަސައްކަތެއް ނުފެށެ އެވެ.
ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫގައި މި ވަގުތު ކައުންސިލެއް ނެތެވެ. އެ ރަށު ރައްޔިތުން އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލަށެވެ. ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވެސް ހަވާލުކޮށްފައިވަނީ ހަނިމާދޫ ކައުންސިލާ އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނިކޮށް ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުޞަތު ހިރިމަރަދޫ ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ހުޅުވާލާފައިވެ އެވެ.