ޗައިނާގެ ބޫޓު ފެކްޓަރީއެއްގައި އަލިފާން ރޯވެ 28 މީހުން މަރުވެއްޖެ
ޗައިނާގެ ދެކުނު އިރުމަތީ ސިޓީއެއް ކަމަށްވާ ޖިންޖިއަންގްގައި ހުންނަ ބޫޓު ފެކްޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 28 މީހުން މަރުވެފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ ނިއުސް އެޖެންސީން ބުނެފިއެވެ.
ޒިންހުއާ އިން އާންމުކުރި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ބިލްޑިންގަކުން ބޯކޮށް ކަޅު ދުން އަރައިގެންދިޔަ މަންޒަރާއި އިމާރާތުގެ ފުރާޅުމަތީގައި ތާށިވެފައި ތިބިހެން ހީވާ ބައެއް މީހުންގެ މަންޒަރެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުވަގުތު (ބީއެސްޓީ ގަޑިން 05:00 ގައި) ހުއިޓެންގް ފުޓްވެއާ ފެކްޓަރީގައެވެ.
ފެކްޓަރީގައި އަލިފާން ރޯވިއިރު 240 އަށް ވުރެ ގާތްކުރާ އަދަދަކަށް މީހުން ތިބިކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. ފުރާނަ ސަލާމަތްކުރެވުނު 213 މީހުންގެ ތެރެއިން ދެ މީހަކު ފަހުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވެއެވެ. އަދި ފުރަތަމަ ގެއްލިފައިވާ ކަމަށް ބެލެވުނު 26 މީހަކު ފަހުން މަރުވެފައި ތިއްބާ ފެނިފައިވެއެވެ. އެއަށްވުރެ ކިހާ ބަޔަކަށް ޒަޚަމްވިކަން ސާފެއް ނުވެއެވެ.
އަލިފާން ނިއްވައި މީހުން ސަލާމަތްކުރުމަށް 500 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުން އަދި އޮފިޝަލުން ފޮނުވިކަމަށް ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ. ފުރަތަމަ ރިޕޯޓުތަކުން ދައްކާ ގޮތުގައި އަލިފާން ރޯވެފައިވަނީ ފެކްޓަރީގެ ބިމު ފަންގިފިލާގައި ފަސޭހައިން އަނދާ ތަކެތި ރައްކާކޮށްފައި ހުރި ސަރަޙައްދުންނެވެ. ފެކްޓަރީގެ ވެރިފަރާތުގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފެކްޓަރީގެ ބޭންކް އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށްވެސް ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެފައިވަނީ މި އަލިފާނުގެ ހާދިސާގެ ސަބަބުން "ބޮޑެތި ފުރާނަ ގެއްލުންތަކެއް" ލިބިފައިވާ ކަމަށާއި މިކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް "ހަރުކަށިކަމާއެކު ޖަވާބުދާރީ" ކުރުވަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޗައިނާގައި މި އަހަރު ހިނގާފައިވާ "ސިނާޢީ ސަލާމަތާ ބެހޭ ބޮޑެތި ބައެއް ހާދިސާތަކުން" އޮފިޝަލުން "ފުން ފިލާވަޅު" ލިބިގަންނަން ޖެހޭ ކަމަށާއި "ހަރުދަނާ އަދި ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް" ތަންފީޒުކުރަން ޖެހޭ ކަމަށްވެސް ޝީ ވިދާޅުވިއެވެ.
ފުޖިއަން ޕްރޮވިންސްގައި ހިމެނޭ ޖިންޖިއަންގަކީ ދުނިޔޭގައި އުފައްދާ ސްޕޯޓްސް ބޫޓުގެ 20 ޕަސެންޓް އުފައްދާ ސިޓީއެއް ކަމަށްވުމުން މި ސިޓީއަށް "ޗައިނާގެ ބޫޓު ވެރިރަށް" ގެ ނަމުން ނިސްބަތްކުރެއެވެ. މިދިޔަ ނޮވެމްބަރު މަހު ހޮންގކޮންގގެ ބައެއް އެޕާޓްމަންޓު ބިލްޑިންގުތަކުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 168 މީހުން މަރުވުމާ ގުޅިގެން އުސް އިމާރާތްތަކުގައި އަލިފާނުގެ ހާދިސާ ހިނގުން ހުއްޓުވުމަށް ޗައިނާއިން ކެމްޕޭނެއް ފަށާފައިވެއެވެ.