އީ-ޕާސްޕޯޓު ޚިދުމަތް އަލުން ފަށަނީ
އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަލުން ފެށުމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު އަޙްމަދު ފަސީޙް ވިދާޅުވެއްޖެ އެވެ.
އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓު ހުސްވެ އީ-ޕާސްޕޯޓު ހެދުން މިދިޔަ މޭ މަހުން ފެށިގެން ވަނީ މެދުކަނޑާލައިފައެވެ. އެހެންވެ އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް މި ފަހުން ދޫކުރަން ފެށީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށެވެ.
އެކަމާ ގުޅިގެން "ސަރުކާރު" ވެބްސައިޓުގައި ހޯމްލޭންޑް މިނިސްޓްރީން އާންމުކޮށްފައިވާ ޚަބަރުގައި ފަސީޙް ވިދާޅުވީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރު ދީފައިވާ ކަމަށެވެ. އޭގެ ސްޓޮކް މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް ފަސީޙް ވިދާޅުވިއެވެ. އެއާއެކު ޚިދުމަތް އަލުން ފެށޭނެ ކަމަށް ވެސް ފަސީޙް ވިދާޅުވިއެވެ.
އިމިގްރޭޝަނުން މި ފަހަރު ވަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހެއްދުމަށްފަހު އެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރުމުގެ ފުރުޞަތު ބޭނުންވާ ނަމަ ކެންސެލޭޝަން ފީއަކާ ނުލައި އެ ފުރުޞަތު ދޭން ނިންމައިފައެވެ. މީގެ ކުރިން އެ ފީގެ ގޮތުގައި ނަގަމުން އައީ 100 ރުފިޔާއެވެ.
"ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުދިންނަށް މިހާރު ވެސް ދޫކުރަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އޭގެ އަގަކީ 600 ރުފިޔާއެވެ. އިލެކްޓްރޯނިކް ޕާސްޕޯޓަށް 1,000 ރުފިޔާ ދައްކަންޖެހެއެވެ.