Advertisement

ބީއެމްއެލްއިން ދެ އަހަރާއި ބައި ތެރޭ ރެކޯޑް 1.7 ބިލިއަން ޑޮލަރު ވިއްކައިފި

12 Jul 2026 | 11:28
-

ދެ އަހަރާއި ބައި ތެރޭ ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައި ދުވަހުގެ ތެރޭގައި ކަސްޓަމަރުންނަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.

Advertisement

އެ ބޭންކުން ބުނިގޮތުގައި 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައި ދުވަހުގެ މުއްދަތުގައި އެބަހީ ޖުލައި 2021 އިން ޑިސެންބަރު 2023 އަށް ވިއްކި 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު 77 ޕަސެންޓު ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށް ބޭންކުން ބުނެފައިވެއެވެ. ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަކަށްވެސް ޑޮލަރު ވިއްކާ އަދަދު އިތުރުވަމުން އަންނަކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.

ކާޑު މުއާމަލާތްތަކަށް ބަލާއިރު ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް މިދިޔަ ދެ އަހަރާ ބައި ދުވަހުގެ ތެރޭގައި 870 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި މިއީ ކުރީގެ ދެ އަހަރާއި ބައި ދުވަހާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެއް ކަމަށް ބޭންކުން ބުނެފައިވެއެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު މި ބޭނުމަށް ވިއްކާފައިވާއިރު މި އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކަމުންދަނީ 37.8 މިލިއަން ޑޮލަރު ކަމަށްވެއެވެ.

ޓެލެގްރެފިކް ޓްރާންސްފަރސް (ޓީޓީ) އަށް ބަލާއިރު 2023 ވަނަ އަހަރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޭންކުން ވިއްކާފައިވަނީ 10.2 މިލިއަން ޑޮލަރު ކަމަށާއި މިއަހަރު ތެރޭ ބޭންކުން އެވްރެޖްކޮށް މަހެއްގެ މައްޗަށް ވިއްކަމުންދަނީ 28 މިލިއަން ޑޮލަރު ކަމަށް ބޭންކުން ބުނެފައިވެއެވެ. ތައުލީމާއި ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާގެ މިންވަރަށް ބަލާއިރު 2023 ވަނަ އަހަރު މަހަކަށް ވިއްކާފައިވަނީ 2.9 މިލިއަން ޑޮލަރު ކަމަށާއި 2024 ގައި މި އަދަދު 4 މިލިއަން ޑޮލަރަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށްވެއެވެ. މިއަހަރު ބޭންކުން އަންނަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ. މިއީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާ ހޯދާ އާއިލާތަކަށް ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށް ބޭންކުން ބުނެފައިވެއެވެ.

ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ޖަނަވަރީ 2021 އިން ފެށިގެން ޑިސެންބަރު 2023 ގެ ނިޔަލަށް 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް 264 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށްވެއެވެ. މިއީ ގާތްގަނޑަކަށް 70 ޕަސެންޓު އިތުރުވުމެއް ކަމަށާއި މިއަހަރުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ މުއްދަތަށް ބަލާއިރު ބޭންކުން މަހަކަށް 8.5 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން ބުނިގޮތުގައި މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައިވެއެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.

މި އަދަދުތަކުން ދައްކައިދެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބީއެމްއެލްއިން ބަހައްޓާ ސާބިތުކަން ކަމަށް ބޭންކުން ބުނެފައިވެއެވެ. ބޭރު ފައިސާގެ ބޭނުންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ތައުލީމާއި ބޭސްފަރުވާ ދަތުރުފަތުރު އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް