ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަ އިތުރުވެއްޖެ
މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %100 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާގެ މާލީ ރިޕޯޓުގައި ބުނެފައިވެއެވެ.
މީރާގެ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 10.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %100 އިތުރު އަދަދެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 79.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 61.5 މިލިޔަން ރުފިޔާގައި ކަމަށާއި މިއީ %29 އިތުރު އަދަދެއް ކަމަށްވެސް މީރާގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެއް ކަމަށާއި އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
މިދިޔަ އެޕްރީލް މަހުގެ 21ވަނަ ދުވަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21836.50 ކަމުގައި ކަނޑައަޅައިފައެވެ.
ބާޒާރުގައި ރަނާއި ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަމަށާއި ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަ ކަމަށްވެސް ބުނެފައިވެއެވެ. ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ކަމަށާއި މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭ ކަމަށެވެ.
ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.