Advertisement

ވަޠަނީ ޚިދުމަތުގެ ދަރިވަރުން ކިހާދޫ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވެއްޖެ

11 Jul 2026 | 17:40
-

ބ. ކިހާދޫގައި "ސާފުތާހިރުކަން ދުޅަހެޔޮ ޞިއްޙަތު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ރަށުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތުގައި، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މިހާރު ކުރިއަށްދާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު-2 ގެ ދަރިވަރުން ޢަމަލީ ގޮތުން ބައިވެރިވެއްޖެއެވެ.

ކިހާދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ވެކްޓަރ ޓާސްކް ފޯސް ގުޅިގެން ހިންގި މި ހަރަކާތުގައި، ތަމްރީނުގެ ދަރިވަރުންނާއި މުދައްރިބުން ވަނީ ރަށުތެރޭގައި އުފެދިފައިވާ ކުންޏާއި، އުކާލާފައި ހުރި ދަޅާއި ޕްލާސްޓިކް ފަދަ ތަކެތި ހޮވައި، ބޮޑު ސަރަޙައްދެއް ސާފުކޮށް، މަދިރި އުފެދޭ ތަންތަން ނައްތައިލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

Advertisement

މިފަދަ އިޖުތިމާޢީ ހަރަކާތެއްގައި ދަރިވަރުން ބައިވެރިކުރުމުގެ ބޭނުމަކީ، ޤައުމީ ލޯތްބާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ސިފަ އެ ކުދިންގެ ކިބައިގައި އަށަގެންނެވުމާ އެކު، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ޢަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

މި ހަރަކާތުގައި ދަރިވަރުންނާ އެކު އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރު މޭޖަރ ޙުސައިން ޝާހިދާއި އެގްޒެކެޓިވް އޮފިސަރު ކެޕްޓަން މުޙައްމަދު ޝަރީފް ބައިވެރިވެލެއްވިއެވެ. ކިހާދޫގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސްކޫލުގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.

Advertisement

ކޮމެންޓް