ކޯޕަރޭޓް ޓެކްހާއި ޖީއެސްޓީ އިތުރުވެ، ދައުލަތުގެ އާމްދަނީ %10 މައްޗަށް
ކޯޕަރޭޓް އިންކަމް ޓެކްހާއި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިތުރުވުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 22.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން 2 ޖުލައި 2026 ގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފައެވެ. އާމްދަނީގެ އެންމެ ބޮޑު ބައި ހިއްސާކުރަނީ ޓެކްސް އެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް — 13.0 އިންސައްތައިގެ ކުރިއެރުމެއް — އިތުރުވެފައެވެ.
ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ކޯޕަރޭޓް އިންކަމް ޓެކްސް އިންނެވެ. އެ ޓެކްސް އިން 1.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 97.7 މިލިއަން ރުފިޔާ ނުވަތަ 6.2 އިންސައްތައިގެ އިތުރުވުމެކެވެ. ޖީއެސްޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މީގެ ތެރެއިން 6.6 ބިލިއަން ރުފިޔާ އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޓީ-ޖީއެސްޓީ އެވެ. ޖީއެސްޓީ ވަނީ މިދިޔަ އަހަރަށް ވުރެ 835.4 މިލިއަން ރުފިޔާ ނުވަތަ 9.6 އިންސައްތަ އިތުރުވެފައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާ އިރު، މި މުއްދަތުގައި ޖުމްލަ 23.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 އިންސައްތައިގެ އިތުރުވުމެކެވެ. ޚަރަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު އިތުރުވުމެވެ. މުސާރަ އާއި އުޖޫރައަށް 3.7 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ އިރު، މިއީ މިދިޔަ އަހަރަށް ވުރެ 13.9 އިންސައްތަ އިތުރެވެ. މީގެ އިތުރުން މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ތެލާއި ތަކެތީގެ އަގު އުފުލިފައިވާތީ، ސަބްސިޑީގެ ޚަރަދު ވެސް 1.4 ބިލިއަން ރުފިޔާއިން އުފުލިފައިވެއެވެ.
ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވެއެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓަރެސްޓުގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން ދައްކައިދޭ މިންގަނޑެކެވެ. ނަމަވެސް ހުރިހާ ޚަރަދެއް ހިމެނުމުން ބަޖެޓުގެ ޖުމްލަ ބެލެންސް ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓުވެފައެވެ.