ގާފަރު ސުކޫލުގެ ބެލެނިވެރިންނަށް ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭ ސެޝަނެއް ބާއްވައިފި
ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަޤުޞަދުގައި ކ. ގާފަރު ސުކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު އެ ސުކޫލުގައި ބޭއްވި މި ސެޝަނަކީ ގާފަރު ޕޮލިހާއި ކާށިދޫ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި އެ ސުކޫލުގެ 50 ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ސެޝަނުގައި ބެލެނިވެރިކަން އަދާކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި، ކުށްތަކުން ދަރިން ރައްކާތެރިކުރުވުމަށް ނަސޭހަތް ދިނުމާއި، ދަރިންނާއި ބެލެނިވެރިންނާ ދެމެދު ރަނގަޅު ގުޅުމެއް ބެހެއްޓުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިންކުރާ ރަނގަޅު ކަންކަމުގައި ހިތްވަރު ދިނުމާއި، ދަރިންގެ މެދުގައި ތަފާތު ނުކުރުމާއި، ދަރިން ވަގުތު ހޭދަކުރާ މާހައުލު ދެނެގަތުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކުށުގެ މާހައުލުން ދަރިން ރައްކާތެރިކުރުމަށް ދަރިންގެ އެކުވެރިންނަކީ ކޮންކަހަލަ ބައެއްތޯ ބެލުމުގެ މުހިންމުކަމާއި، ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ދަރިންގެ މިޒާޖު ދެނެގަތުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ސެޝަނުގައި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.