އާލިއާގެ "އަލްފާ" އަށް ކުރިއެރޭގޮތް ނުވެ މަޑުޖެހެނީ!
ބޮ،ލީވުޑްގެ ބަތަލާ އާލިއާ ބަޓްގެ ފަހުގެ ފިލްމު "އަލްފާ" އަށް މާބޮޑު ކާމިޔާބެއް ލިބޭގޮތް ނުވެ އާމްދަނީ މަޑުޖެހެން ފަށައިފި އެވެ.
މި ފިލްމުގެ ލީޑް ރޯލުން އާލިއާ އާއި އެކު ފެނިގެންދަނީ ޝާރްވަރީ އެވެ.
ސްޕައި ތްރިލާ "އަލްފާ"ގެ އާމްދަނީއަށް ބަލާއިރު ފިލްމު ރިލީޒް ކުރި ހަފްތާ ބަންދުގައި 34 ކްރޯޑް ރުޕީސް ލިބުނެވެ. މިދިޔަ ހަފްތާގެ ހަ ދުވަހު ލިބިފައިވަނީ ގާތްގަނޑަކަށް 44 ކްރޯޑް އިންޑިއަން ރުޕީސް އެވެ.
ނަމަވެސް ހޯމަ ދުވަހު 70 އިންސައްތައިގެ ވެއްޓުމެއް ކުރިމަތިވެ ލިބުނީ އެންމެ 3.85 ކުރޯޑެވެ. އަންގާރަ ދުވަހު 10 އިންސައްތައިގެ ކުރިއެރުމެއް ލިބި އުންމީދު އާވި ނަމަވެސް ބުދަ ދުވަހު އަނެއްކާވެސް 30 އިންސައްތައިގެ ވެއްޓުމެއް ކުރިމަތިވެ ލިބުނީ 2.85 ކުރޯޑު ރުޕީސް ކަމަށް ސެކްނިލްކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހިސާބުތަކަށް ބަލާއިރު ފުރަތަމަ ހަފުތާ ނިމޭއިރު 50 ކުރޯޑު ހުރަސްކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ ޚަރަދު ފޫބެއްދޭނީ ޑޮމެސްޓިކް ބޮކްސް އޮފީހުން 100 ކުރޯޑު ރުޕީސް އަދި ދުނިޔޭގެ ގްރޮސް ކަލެކްޝަނުން 150 ކުރޯޑު ރުޕީސް ހުރަސްކޮށްގެންނެވެ.
މި ފިލްމަކީ އުދޭ ޗޯޕްރާ ލިޔެ ޝިވް ރާވައިލް ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. ބޯބީ ދޭއޯލް އާއި އަނިލް ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.