މަސްތުވާތަކެތީގެ ސަބަބުން ޖީލުތަކެއްގެ ކުރިމަގު ބަނަވެ، ގަބިލުކަން ގެއްލިއްޖެ: ޕޮލިސް ކޮމިޝަނަރު
މަސްތުވާތަކެތީގެ ވަބާއަކީ ފާއިތުވި އެތައް އަހަރުތަކެއްގައި ކުރިމަތިވެފައިވާ ބޮޑު ވަބާއެ ކަމަށާއި އެތައް ޒުވާނުންނެއްގެ ގާބިލުކަން ގެއްލިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު މިހެން ވިދާޅުވީ، މަސްތުވާތަކެތި ތަހުލީލުކުރުމަށް ބޭނުންކުރާ 150 "ފީލްޑް ޓެސްޓިންގ ކިޓް" ފުލުހުންނާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީގައި، ޔޫ.އެން.އޯ.ޑީ.ސީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ، ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެއްޗެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އަހުމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި، އެކަމަށް ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން މުހިންމު ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ފުލުހުންގެ އެންމެ އިސް އަމާޒު ކަމަށެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 އާ ސީދާ ގުޅުންހުރި ކަމެއްކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ތަހުގީގުގެ ދާއިރާ ހަރުދަނާކުރުމާއި، ފުލުހުންގެ މަސައްކަތްތަކުގައި ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށްގެން ބޯޑަރު ހުރަސްކޮށް ކުރާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މީގެ ސަބަބުން އެހީއަކަށްވެގެންދާނެކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
ފުލުހުން ބުނީ އިއްޔެ ހަވާލު ކުރި ކިޓްތަކުގެ އެހީގައި، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކާއި ކެމިކަލްތައް އެ ވަގުތުން ވަގުތަށް ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ތަހުގީގުގެ މަސައްކަތްތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ހެކިތަކެއް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ޔޫ.އެން.އޯ.ޑީ.ސީގެ ރާއްޖޭގެ އޮފީހުގެ ހެޑް، އެންރީކޯ ބޮނިންސެގްނާ އާއި، އެމެރިކާ އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރު މިހްޔާރު އަލްނިފައިދީގެ އިތުރުން ޔޫއެންއޯޑީސީގެ ބޭފުޅުންނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.