Advertisement

ލަންކާގައި ދެމީހަކު މަރާލި މައްސަލަ - ޤާތިލުންގެ ތެރޭގައި ހިމެނޭ މީހަކު ރާއްޖެ އެތެރެވިތަނުން ހައްޔަރުކޮށް ލަންކާއަށް ގެންގޮސްފި

05 Jul 2026 | 11:09
-

ސްރީ ލަންކާގެ އަކުރެގޮޑާ ސަރަހައްދުގައި ޤާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ބަޑިން ޖެހި މަރާލި މައްސަލައިގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކު ރާއްޖެއިން ލަންކާއަށް ގެންގޮސް ހައްޔަރުކޮށްފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފިއެވެ.

ލަންކާގެ ފުލުހުން ބުނީ، އެތުލްގަމާއަށް ނިސްބަތްވާ 23 އަހަރުގެ އެ މީހާ ލަންކާއަށް ގެނައީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ ޓީމެއް ޖުލައި ހަތަރެއްގައި ކަމަށެވެ. ރާއްޖެއަށް ފޭބުމާ އެކު، އޮޓޮމެޓެޑް ބަޔޮމެޓްރިކް އީ-ގޭޓް ސިސްޓަމް މެދުވެރިކޮށް އޭނާ ދެނެގަނެ ހައްޔަރުކުރީ ކަމަށާއި، ފަހުން އޭނާ ހަވާލުކުރީ ވެސްޓާން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

ފެބްރުއަރީ 13، 2026 ގައި ތަލަންގަމަ ޕޮލިސް ޑިވިޝަންގެ ދަށުގައި ހިމެނޭ އަކުރެގޮޑާ ސަރަހައްދުގައި ހިނގި މި ހާދިސާގައި، ވެހިކަލެއްގައި ދަތުރުކުރި ޤާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ގަޔަށް ބަޑި ޖެހީ ކަމަށް ތަޙުޤީޤުން ބުނެއެވެ. ހައްޔަރުކުރި މީހާއަކީ ބަޑި ޖެހި މީހުން ގޮވައިގެން ފިލީ ވެހިކަލް ދުއްވި ކަމަށް ތުހުމަތު ކުރެވޭ މީހާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، އެ މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އެގޮތުން 21 އޮކްޓޯބަރު 2025 ގައި ޓީ-56 އެސޯލްޓް ރައިފަލެއް ގެންގުޅުނު މައްސަލައިގައި މަލްވަތުހިރިޕިޓިޔާ ފުލުހުން އޭނާ ހައްޔަރުކޮށް، ފަހުން މިނުވަންގޮޑާ މެޖިސްޓްރޭޓް ކޯޓުން ސްޓްރިކްޓް ބެއިލުގައި ދޫކޮށްލީ ކަމަށެވެ. އޭގެ ފަހުން 15 ޑިސެމްބަރު 2025 ގައި ހެރޮއިން ގެންގުޅުނު މައްސަލައިގައި ވެލިކަޑާ ފުލުހުން ހައްޔަރުކޮށް، ކޯޓުން ވެސް ކަފާލާތުގެ ދަށުން ދޫކޮށްލީ ކަމަށެވެ. ދެ ފަހަރު ވެސް ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުއްޓައި ވަކީލު ދެމަފިރިން މަރާލި ހާދިސާ ހިނގީ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ފަހަތުގައި އޮތް ކަމަށް ބެލެވޭ ޖަރީމާ ހިންގާ ނެޓްވޯކާ އެ މީހާގެ ގުޅުން ބެލުމުގެ ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

ކޮމެންޓް