Advertisement

އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ޚާމަނައީގެ ބޮޑު ޖަނާޒާއަށް ތައްޔާރުވަނީ

04 Jul 2026 | 11:42
ފޮޓޯ: އެސޯސިއޭޓް ޕްރެސް.

ހަނގުރާމައިގައި އަވަހާރަވި އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނައީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އެތައް ދުވަހެއްގެ މައްޗަށް ދެމިގެންދާ ގޮތަށް ބޭއްވުމަށް އީރާނުން ތައްޔާރުވަމުން އެބަ ގެންދެއެވެ.

ތެހެރާނުގެ އެކި ސަރަޙައްދުތަކުގައި އިސްލާމީ ޖުމްހޫރިއްޔާއަށް ތާއީދުކޮށް ތެދުވުމަށް ގޮވާލާ ބެނާތައް ދެމާފައިވާ އިރު ސްޓޭޓް ޓީވީން ދައްކާ ގޮތުގައި އީރާނުގެ އެކި ސިޓީތަކުގައި ރައްޔިތުން ރޭގަނޑު އެއްވެ އެމެރިކާއާއި އިސްތިޢުމާރީ އިސްރާއީލާ ދެކޮޅަށް ޝިޢާރުތައް ގޮވައި ވެރިކަމުގެ ނިޒާމަށް ތާއީދުކޮށް އަޑު އުފުލަމުން ގެންދެއެވެ. ހޮނިހިރު ދުވަހުން ފެށިގެން ވެރިރަށް ތެހެރާނުގެ މަގުތަކަށް އެތައް މިލިއަން ބަޔަކު ޖަމާވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި މަންޒަރުތައް ވައްތަރުވާނެ ކަމަށް ބެލެވެނީ 1989 ވަނަ އަހަރު ކުރީގެ ރޫޙީ ލީޑަރު އާޔަތުﷲ ރޫޙުﷲ ޚުމައިނީގެ ޖަނާޒާގައި ފެނުނު މަންޒަރުތަކާއެވެ.

Advertisement

ޢުމުރުފުޅުން 86 އަހަރުގެ ޚާމަނައީގެ ދިދައިން ނިވާކޮށްފައިވާ ސަންދޯއް ބެހެއްޓިފައި ވަނީ ތެހެރާނުގެ ގްރޭންޑް މޮސައްލާގައެވެ. އެ ސަންދޯކާ ޖެހިގެން ފެބްރުއަރީ 28 ގައި ހަނގުރާމައިގެ ފުރަތަމަ ވަގުތުކޮޅުގައި އިސްރާއީލުން ދިން ވައިގެ ހަމަލާގައި ޝަހީދުވި ޢާއިލާގެ މެންބަރުންގެ ސަންދޯއްތައް ވެސް ބެހެއްޓިފައިވެއެވެ. އޭގެ ތެރޭގައި ދެބެންގެ ދެދަރި ބޭފުޅެއް ދޮށީ ދަރިކަނބަލުން ޢުމުރުން 14 މަހުގެ ކާފަ ދަރިކަނބަލެއް އަދި އީރާނުގެ އައު ރޫޙީ ލީޑަރު އާޔަތުﷲ މޮޖްތަބާ ޚާމަނައީގެ އަނބިކަނބަލުން ހިމެނެއެވެ. 

އީރާނުގެ ޕާލިމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޣްޗީ އަދި ރައީސް މަސްޢޫދު ޕެޒެޝްކިޔާން ހިމެނިވަޑައިގަންނަވާ ގޮތަށް ސިވިލް ސަރުކާރުގެ އިސް ވެރިން ވަނީ ސަންދޯއް ކައިރިއަށް ވަޑައިގެން އެންމެ ފަހުގެ އިޙްތިރާމް އަދާކުރައްވައިފައެވެ. މީގެ އިތުރުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް ޖެނެރަލެއް ވެސް މަސްތަކެއް ފަހުން ފުރަތަމަ ފަހަރަށް ޢާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވީ ޖަނާޒާއަށެވެ.

Advertisement

ކޮމެންޓް