ދިވެހި ފަސް ކުންފުންޏަކާ 1000 ހައުސިން ޔުނިޓުގެ މަސައްކަތް މި ހަފުތާގައި ހަވާލުކުރަނީ
ހުޅުމާލެ ފޭސް 2 ގައި 1000 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ދިވެހި ފަސް ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީ އާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ސައްތައިން ސައްތަ ދިވެހި ފަސް ކުންފުންޏަކަށް މި މަސައްކަތް ބަހައިލާފައިވާ އިރު، ކޮންމެ ކުންފުންޏަކުން 200 ޔުނިޓު ތަރައްޤީކުރާނެ ކަމަށެވެ. އެ ގޮތުން ކޮންމެ 200 ޔުނިޓެއްގެ ތެރެއިން 60 ޔުނިޓަކީ ދެ ކޮޓަރީގެ އެޕާޓްމަންޓް ކަމަށާއި 140 ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓް ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޔުނިޓުތައް ވާނީ މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންގެ ގޮތުގައި ތަރައްޤީކޮށްފައިވާ ޔުނިޓުތަކަށް ވުރެ ޖާގަ ތަނަވަސް ތަންތަނަށް ކަމަށެވެ. ދެ ކޮޓަރީގެ ޔުނިޓުތަކުގައި 700 އަކަފޫޓު، އަދި ތިން ކޮޓަރީގެ ޔުނިޓުތަކުގައި 950 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް ހުންނާނެ ކަމަށާއި، ފިނިޝިން އާއި އިމާރާތުގެ ކުރިމަތީ ޖާގަ ފަދަ ކަންކަމުގައި ވެސް ކުރީގެ މަޝްރޫޢުތަކާ ތަފާތުވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް 1 ގައި ތިން ބިމެއް ދިވެހި ކުންފުނިތަކާ، ވިލިމާލޭގައި ބިމެއް ދިވެހި ކުންފުންޏަކާ މިހާރު ވެސް ހަވާލުކޮށްފައިވެއެވެ. ޗައިނާގެ ދެ ކުންފުންޏަކާ ވެސް ހުޅުމާލެ ފޭސް 2 އިން ބިން ހަވާލުކޮށް، ޑިޒައިންގެ މަސައްކަތް ނިމުމުން ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ.