ޞިއްޙީ ދާއިރާގެ ތިން އާ ޑިގްރީ ޕްރޮގްރާމެއް އެމްއެންޔޫ އިން ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ޞިއްޙީ ދާއިރާގެ ތިން އާ އަންޑަރގްރެޖުއޭޓް ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ.
އެ ޔުނިވަރސިޓީން ބުނީ، އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމަކީ ބެޗެލާ އޮފް ސައެންސް އިން ޕެރަމެޑިކް ސައެންސެސް (ތިން އަހަރު)، ބެޗެލާ އޮފް ސައެންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) (ހަތަރު އަހަރު)، އަދި ބެޗެލާ އޮފް އޮކިއުޕޭޝަނަލް ތެރަޕީ (އޮނާސް) (ހަތަރު އަހަރު) ކަމަށެވެ. މި ތިން ޕްރޮގްރާމް ވެސް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓްކޮށްފައިވާތީ، ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގައި ޕްރެކްޓިސްކުރުމުގެ ލައިސެންސް ލިބޭނެއެވެ.
ޑިގްރީގެ ތިން ޕްރޮގްރާމް އިޢުލާނު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ
ރާއްޖޭގައި ސްޕީޗް-ލެންގުއެޖް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އަދި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީން ދޭ އެމަޖެންސީ ފަރުވާގެ ދާއިރާ އިން ތަމްރީނު ލިބިފައިވާ ފަންނީ މީހުން މަދުކަން ފާހަގަކޮށް، އެމްއެންޔޫ އިން ބުނީ މި ޕްރޮގްރާމްތައް ފެށުމުގެ ބޭނުމަކީ އެ ދާއިރާތަކުން ދިވެހި ފަންނީ ޤާބިލު ބަޔަކު ބިނާކުރުން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، "މިއީ ހަމައެކަނި އާ ކޯސްތަކެއް ތައާރަފުކުރުމެއް ނޫން. މިއީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ މުސްތަޤުބަލު ބައްޓަންކުރުން. އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން ޚާއްޞަ ތައުލީމުގެ މަގު ފަހިކޮށްދީ، ޤައުމުގެ ތަރައްޤީ އަށް ޙިއްޞާކުރެވޭ ފެންވަރުގެ ފަންނީ ޖީލެއް ބިނާކުރުމަށް އިންވެސްޓްކުރަނީ" ކަމަށެވެ.
ޑިގްރީގެ ތިން ޕްރޮގްރާމް އިޢުލާނު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ
ޕެރަމެޑިކް ސައެންސެސް ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތައް ނަފްސާނީ އަދި ޖިސްމާނީ ފިޓްނެސް ޓެސްޓެއް ފުރިހަމަކުރަން ޖެހޭނެއެވެ. ތިން ކޯހަށް ވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވައިލައިފައިވާ އިރު، ސުންގަޑި އަކީ 30 ޖުލައި 2026 ގެ 14:00 އެވެ. އެޕްލިކޭޝަން ހުށަހެޅޭނީ އެމްއެންޔޫ ޕޯޓަލް މެދުވެރިކޮށެވެ.