ދަރަނި ދެއްކުމާއި މާލީ ހަމަޖެހުން ދެމެހެއްޓުމުގައި ރާއްޖެ ކާމިޔާބު ކަމަށް އައިއެމްއެފުން ބުނެފި
ގޮންޖެހުން ބޮޑު މާލީ މާޙައުލެއްގައި ވެސް ރާއްޖޭގެ އިޤްތިޞާދު ވިލުންތެރިކަން ދައްކައި، ދަރަނީގެ އިލްތިޒާމުތައް ފުއްދައި، މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓިފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފުން މިހެން ބުނީ، އެ އިދާރާގެ އާޓިކަލް IV ކޮންސަލްޓޭޝަންގެ ދަށުން ޖޫން ހަތަރަކުން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު ނެރުނު ބަޔާނުގައެވެ.
އައިއެމްއެފުން ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރު ސަރުކާރުން ހިންގި ފިސްކަލް ކޮންސޮލިޑޭޝަންގެ ސަބަބުން ފައިނޭންސިން ޕްރެޝަރު ކޮންޓެއިން ކުރެވުނެވެ. ސުކޫކް ބޮންޑާއި ރަސްމީ އަދި އަމިއްލަ ދާއިރާގެ ލޯނުތައް ވެސް ސަރުކާރުން ވަނީ ބަރާބަރަށް ދައްކައިފައެވެ. ފަތުރުވެރިކަމުގެ ވަރުގަދަ ކުރިއެރުމާ އެކު، ބައިނަލްއަޤުވާމީ ރިޒާވް ވެސް އިތުރުކުރެވިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އައިއެމްއެފުން މަރުޙަބާ ކިޔެވެ. އަދި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ސަބަބުން ބޭރު ފައިސާގެ ތާށިކަން ކުޑަވެފައިވާ ކަމަށް ވެސް ފާހަގަކުރިއެވެ.
އައިއެމްއެފުން ލަފާ ދީފައިވާ ގޮތުގައި، މެދުއިރުމަތީ ހަމަނުޖެހުމުގެ އަސަރު ފަތުރުވެރިކަމަށާއި ތެލުގެ އަގަށް ކޮށް، 2026 ވަނަ އަހަރު ޖީޑީޕީ ކުރިއެރުން ގާތްގަނޑަކަށް އެއް އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް 2027 ވަނަ އަހަރު އިޤްތިޞާދު ރިކަވާ ވެ، މެދު ރާސްތާގައި ހަތަރު އިންސައްތައިގެ ކުރިއެރުމަކަށް ރުޖޫޢަ ވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ސަބްސިޑީ ނިޒާމު ރިވިއުކޮށް ޚަރަދު ކުޑަކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، ބޭންކިން ސެކްޓާގެ ޤާނޫނީ އޮނިގަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވެސް އައިއެމްއެފުން ގޮވައިލިއެވެ.
އައިއެމްއެފްގެ މި މިޝަން ލީޑުކުރެއްވީ ޕިޔަޕޯން ސޮޑްސްރީވިބޫންއެވެ. ވަފުދުން ވަނީ ފިނޭންސް ވަޒީރު ޙަސަން ޒަރީރު، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު، ސަރުކާރުގެ އިސް އޮފިޝަލުން އަދި އަމިއްލަ ދާއިރާގެ މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ.