Advertisement

މެލޭޝިއާގެ ތަމްރީނެއްގައި ގްރެނޭޑެއް ގޮވައި ސިފައިންގެ ދެމީހަކު ނިޔާވެއްޖެ

16 Jun 2026 | 22:29
-

މެލޭޝިއާގެ ކެޑާގެ ހޮބާޓް ކޭމްޕުގައި އަންގާރަ ދުވަހުގެ ހެނދުނު ތަމްރީނެއް ހިންގަނިކޮށް ގްރެނޭޑެއް ގޮވައި، އެ ޤައުމުގެ ސިފައިންގެ ދެ މީހަކު ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގީ ހެނދުނު ގާތްގަނޑަކަށް 10:57 ހާއިރު، ކޮމްބެޓް އެންހޭންސްމަންޓް ތަމްރީނެއްގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި ނިޔާވީ ރޯޔަލް މެލޭ ރެޖިމަންޓުގެ ހަ ވަނަ ބަޓާލިއަންގެ ކޯޕްރަލް ނޯރަޒްމީ އަބޫ ބަކަރާއި، ރޯޔަލް އާމީ އިންޖިނިއާޒް ރެޖިމަންޓުގެ ފުރަތަމަ ސްކޮޑްރަންގެ ޕްރައިވެޓް ސިޓީ ޚަދީޖާ ސުންގިޕެވެ.

Advertisement

ބޮޑެތި އަނިޔާތަކެއް ލިބުނު މި ދެ މީހުން ފަރުވާ ދިނުމަށް ސުލްޠާން ޢަބްދުލް ޙަލީމް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. 

މެލޭޝިއާގެ ސިފައިންގެ ކޮމާންޑަރ-އިން-ޗީފް ވެސް ކަމުގައިވާ އެ ޤައުމުގެ ރަސްގެފާން ސުލްޠާން އިބްރާހިމް ސުލްޠާން އިސްކަންދަރު ވަނީ، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނިޔާވި ސިފައިންގެ ޢާއިލާތަކަށް ތަޢުޒިޔާ ފޮނުވައިފައެވެ. އަދި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް މެލޭޝިއާ އާމީއަށް އެންގި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މެލޭޝިއާ އާމީގެ ޗީފް، ޖެނެރަލް އަޒްހާން މުޙައްމަދު އޮސްމާން ވެސް ވަނީ ގޮވުން ހިނގި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އަންގައި، ނިޔާވި ދެ ސިފައިންގެ ޢާއިލާތަކަށް ތަޢުޒިޔާ ފޮނުވައިފައެވެ. ސިފައިން ނެރުނު ބަޔާނެއްގައި ބުނީ، ތަމްރީނުތަކުގެ ރައްކާތެރިކަމުގެ ހުރިހާ ކަމެއް ގާތުން ބަލަމުން ގެންދާނެ ކަމަށާއި، ތަޙުޤީޤުން ފާހަގަވާ ކަންކަމުގެ މައްޗަށް ބިނާކޮށް ބޭނުންވާ ބަދަލުތައް ގެންނާނެ ކަމަށެވެ.

ކުއާލާ މުޑާ ޑިސްޓްރިކްޓްގެ ޕޮލިސް ޗީފް ހަންޔަން ރަމްލާން ބުނީ، ފުރަތަމަ ބެލުމުން އެނގުނު ގޮތުގައި ދެ ސިފައިންނަށް ލިބުނު އަނިޔާތައް ހުރީ އުނަގަނޑުން މަތީގައި ކަމަށެވެ. ހާދިސާ ހިނގި ގޮތް ދެނެގަތުމަށް ހެކިންގެ ބަޔާން ނަގާނެ ކަމަށް އޭނާއާ ހަވާލާދީ އުތުސަން މެލޭޝިއާ އިން ރިޕޯޓުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް