ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް ޕިއްޒާ ބޯނާގެ ޕިއްޒާއެއް
ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ބޯނާއިން ޕިއްޒާ ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން އިޢުލާންކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފަރ ލިބޭނީ މާފަންނާއި ހުޅުމާލޭ ފޭސް 1 ޕިއްޒާ ބޯނާ އައުޓްލެޓުންނެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ކަމަށާއި، ކޮންމެ އައުޓްލެޓަކުން ވެސް އޯޑަރުކުރާ ފުރަތަމަ 500 ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބޭނެ ކަމަށް ދިރާގު ފިންޓެކުން ބުންޏެވެ.
ހަމައެކަނި ޓޭކް-އަވޭ ޚިދުމަތަށް ޚާއްޞަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ބައިވެރިވެވޭނެއެވެ.
ފުޓުބޯޅަ މޫސުމާ ގުޅުވައިގެން ދިރާގު ފިންޓެކުން ތަޢާރަފުކުރި މި ޕްރޮމޯޝަނަކީ، ފުޓުބޯޅައިގެ މި ފޯރިގަދަ ދުވަސްވަރު އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާ ފުރުޞަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ކުރިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން، ރާއްޖޭގައި ފައިސާގެ މުޢާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ބުނެފައިވެއެވެ.