ޑެންގީ އާއި ރޯގާގެ ކޭސްތައް އިތުރުވެ، ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ހިސާބުތަކުގައި ގައިންގަޔަށް އަރާ ބަލިތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށާއި، ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ހުމާއި އަރިދަފުސް ރޯގާ ވެސް ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މެއި މަހު ޑެންގީ ހުމާ ގުޅޭ 778 ކޭސް ރިޕޯޓުކޮށްފައިވާއިރު، އަރިދަފުސް ރޯގާ ޖެހިގެން 40,457 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދެ ގުނަ އިތުރު ޢަދަދެކެވެ.
މި އަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 680 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން، ބޭރަށްހިނގުން އިތުރުވެފައިވާތީ އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޢަބްދުﷲ ޢަޒީޒް ޙަމީދު ވެސް ވަނީ މި ދުވަސްވަރު ގައިންގަޔަށް އަރާ ބަލިތައް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ބަލިތަކުން ރައްކާތެރިވުމަށް އާންމު ސާފުތާހިރުކަމަށް ސަމާލުވާންޖެހޭ. ގިނަގިނައިން އަތްދޮވުމާއި، ބަލި ޖެހިފައިވާ ފަރާތްތަކުން މާސްކު ބޭނުންކުރަންޖެހޭ،" ޑރ. ޢަޒީޒް ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު ހުމާއި ރޯގާ އިތުރުވެފައިވާތީ، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ބަލީގެ ޢަލާމާތްތައް ހުންނަ ފަރާތްތައް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި، ބޭރަށް ދާއިރު މާސްކު ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހުމާއި ރޯގާ އަދި ޑެންގީ ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުން އަރާމުކުރުމަށާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ބޭރަށްހިނގުމާއި ހޮޑުލެވޭނަމަ ލޮނުޕެކެޓް ބޭނުންކުރުމަށާއި، ޢަލާމާތްތައް ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރަށް ދެއްކުމަށް ވެސް ވަނީ ލަފާ ދީފައެވެ.
ރާއްޖޭގައި އެކި ދުވަސްވަރު މޫސުމީ ވިއްސާރައާ ދިމާކޮށް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވެއެވެ. އެހެންކަމުން، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ރަށު ފެންވަރުގައި ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.