ނަމާދު ވަގުތު 20 މިނެޓަށް ކުޅިވަރު ހުއްޓައިލުމަށް އެސޯސިއޭޝަންތަކަށް އަންގައިފި
ނަމާދު ވަގުތަށް، ބަންގި ގޮވުމުން 20 މިނެޓަށް ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލުމަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޯޓްސް މިނިސްޓްރީން އަންގައިފިއެވެ.
މި ގޮތަށް އުސޫލު ހަމަޖައްސަން ސްޕޯޓްސް މިނިސްޓްރީއަށް އަންގަވާނެ ކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
މިދިޔަ އާދީއްތަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ، ކްލަބްތަކާއި އެކަޑަމީތައް ހިމެނޭ ގޮތަށް އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ހަރަކާތްތައް ވެސް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ.
އަދި އެ އެސޯސިއޭޝަންތަކުގެ ދަށުން ހިންގާ ކުޅިވަރުގެ ހަރަކާތްތައް އެ އުސޫލާ އެއް ގޮތަށް ތަންފީޒުކުރުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެއެވެ.