Advertisement

ޕުޝްޕާ ހެދިގެން ފިލައިގެން އުޅުނު ސިޔާސީ ލީޑަރު ދެ ހަފުތާ ފަހުން އަތުލައިގެންފި

09 Jun 2026 | 10:46
ޕުޝްޕާ ހެދިގެން އުޅުނު ސިޔާސީ އެކްޓިވިސްޓް -

އިންޑިއާގެ ހުޅަނގު ބެންގާލުގެ ވެރިކަންކުރާ ޓީއެމްސީ ޕާޓީގެ ލީޑަރެއް ކަމަށްވާ ޖަހާންގީރް ޚާން، މީހުން މެރުމާއި ބިރުދެއްކުމާއި އިންތިޚާބީ ޖަރީމާތަކުގެ ހަތް މައްސަލައިގައި ހޯދަމުން ދަނިކޮށް، ދެ ހަފުތާ ފިލައިގެން އުޅުމަށް ފަހު އިންޑިއާ-ނޭޕާލް ބޯޑަރު ކައިރިން ހައްޔަރުކޮށްފިއެވެ.

"ޕުޝްޕާ" ގެ ނަމުން މަޝްހޫރުވެފައިވާ ޚާން ހައްޔަރުކުރީ ބެންގާލް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އާއި ޑާޖީލިން ފުލުހުން ގުޅިގެން، އާދީއްތަ ދުވަހު މެންދުރުފަހު 2:30 ހާއިރު ޕާނީޓާންކީ ބާޒާރު ސަރަހައްދުންނެވެ. ޚާން ވީ ޓީއެމްސީ ޕާޓީގެ ފާލްޓާ ދާއިރާގެ ކެންޑިޑޭޓެވެ.

Advertisement

ފުލުހުން ބުނީ ޚާން ފިލައިގެން ދިޔައީ ހުރިހާ ފޯނެއް ނިއްވައިލައި، ސިމް ބަދަލުކޮށް، ވެބް އެކައުންޓްތައް ޑިލީޓް ކޮށްގެން ކަމަށެވެ. ނަމަވެސް ގާތް ބައެއް މީހުންނާ އެހެން ގޮތްގޮތުން މުއާމަލާތް ކުރަމުން ދިޔައީ ކަމަށާއި، އެ ނަންބަރުތައް ޓްރެކް ކޮށްގެން ޚާންގެ ހަރަކާތްތައް ދެނެގަނެވުނީ ކަމަށެވެ. އިންޓެލިޖެންސް އޮފިސަރުން ބުނާ ގޮތުގައި ޚާން ނޭޕާލަށް ގޮސް ކަތަމަންޑޫގައި ގެއެއް ކުއްޔަށް ހިފައިގެން ދެ ދުވަހު ފިލައިގެން ހުރުމަށް ފަހު، އާދީއްތަ ދުވަހު ހެނދުނު އެނބުރި އިންޑިއާއަށް އައި ވަގުތު އަތުލައިގަތީއެވެ.

މި މައްސަލައިގެ ފެށުމަކީ އެޕްރީލް 29 ގައި ފާލްޓާގައި ބޭއްވި ވޯޓުގައި ހިންގި ހަމަނުޖެހުމާއި ގަޑުބަޑުގެ ޝަކުވާތަކާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ރީ-ޕޯލެއް ޖެހުމެވެ. މެއި 18 ގައި ކެލްކަޓާ ހައިކޯޓުން ޚާނަށް ވަގުތީ ހިމާޔަތެއް ދިނެވެ. ނަމަވެސް ރީ-ޕޯލް ބާއްވާ ދުވަހުގެ 48 ގަޑިއިރު ކުރިން ޚާން ވާދަކުރުން ހުއްޓައިލިއެވެ. ރީ-ޕޯލަށް ފަހު ކޯޓުން ވަގުތީ ހިމާޔަތް ބާތިލުކުރީ "ސިޔާސީ މަސްރަޙް ބަދަލުވީތީ ހިމާޔަތް ދެމެހެއްޓުމަކީ ބޭއިންސާފެއް" ކަމަށް ބުނެއެވެ. ހިމާޔަތް ބާތިލުވީ ހިސާބުން ޚާން ފިލީއެވެ.

ޚާން ހައްޔަރުކުރި ޚަބަރާ އެކު ފާލްޓާ ރައްޔިތުން އުފާ ފާޅުކުރިއެވެ. އެ ހެނދުނު ރައްޔިތުންގެ ބަޔަކު ޚާންގެ ޕާޓީ އޮފީހުގެ ތަޅު ހަލާކުކޮށް، ތެރެއަށް ވަދެ އެތަން ހަލާކުކޮށްލިއެވެ. އެ އޮފީހުން ރާ ފުޅިތަކާއި ސަރުކާރުގެ ރިލީފް ސާމާނު ފެނުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

ކޮމެންޓް