މާލީ ވަޒީރު މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފި
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒަމީރު އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް މޫސާ ޒަމީރު އެންމެ ފުރަތަމަ ޢައްޔަންކުރެއްވީ ޚާރިޖީ ވަޒީރުގެ މަޤާމަށެވެ. އެއަށް ފަހު 2024 ވަނަ އަހަރުގެ ސެޕްޓެންބަރުގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ޒަމީރު ބަދަލުކުރެއްވީ މާލީ ވަޒީރުގެ މަޤާމަށެވެ. މި އަހަރު ސަރުކާރުގެ ވުޒާރާތައް މަދުކުރެއްވި ބަދަލުގައި، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރުގެ މަޤާމަށް ޒަމީރު ޢައްޔަންކުރެއްވިއެވެ.
ރާއްޖޭގެ މާލީ ޙާލަތު ކަންބޮޑުވާ ދަރަޖައެއްގައި އޮތް ދަނޑިވަޅެއްގައި، ރައީސްގެ އިރުޝާދުފުޅާ އެކު ދަރަނި އަދާކުރެއްވުމުގައި ޒަމީރު ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވައިފައެވެ.