Advertisement

ބޯޓަކުން 36 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލަ — ހަތަރު މަސް ފަހުން ޕާކިސްތާނު މީހަކު ވެސް ހައްޔަރު

07 Jun 2026 | 20:42
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ބޯޓެއްގައި ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގެ ތެރެއިން 36 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި، އެ ޝިޕްމަންޓް ގެނައި ކުންފުނީގެ އިސް ފަރާތެއް ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު ރައްޔިތަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

މި މައްސަލައިގައި މިއަދު ބަންދުކޮށްފައިވަނީ މ. އައުސުރާމިވައު، ކ. މާލެ، ޒަފަރު އަޙްމަދު (51އ) ނަމަކަށް ކިޔާ ޕާކިސްތާނު ފިރިހެނެކެވެ. ބަންދު އަމުރުގައިވާ ގޮތުން މީނާއަކީ ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް ފަރާތެކެވެ. މި އަހަރުގެ ފެބުރުއަރީ 10 ވަނަ ދުވަހު ރާއްޖެ އައި ބޯޓަކުން ގެނައި ޝިޕްމަންޓެއްގެ ތެރެއިން 36 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ތަހުގީގީ އޮފިސަރު ބުނެފައިވެއެވެ.

Advertisement

ކޯޓުން މީނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. މީނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

މި މައްސަލައިގައި މީގެ ކުރިން، ފެބުރުއަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޙަސަން މަފާޒު (26އ) އާއި ވިޝާމް މުޙައްމަދު (35އ) އެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެ ދެ މީހުންނަކީ މި ތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުކުރެވޭ ދެ މީހުންނެވެ. މި ތަކެތި ފެނިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފުލުހުންނާ ހަވާލުކުރި މުދާތަކެއްގެ ތެރެއިންނެވެ.

Advertisement

ކޮމެންޓް