Advertisement

2023 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކުރިއަށްދާން ވީ ހުރިހާ ކަމެއް ކުރިން: ރައީސް ނަޝީދު

07 Jun 2026 | 11:58
އަމީރު އަދި ފައްޔާޒް ރައީސް ނަޝީދާއެކު ފަރެސްމާތޮޑާގައި - ފޭސްބުކް ފޮޓޯ: ޗާލީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރެއްވުމަށް ވީ ހުރިހާ ކަމެއް ކުރެއްވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ އެ އިންތިޚާބު ގެއްލުނީ ނަޝީދާ ނުލައި ކާމިޔާބު ކުރެވޭނެ ކަމުގެ "އީގޯ" އާ ހެދި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ ކެމްޕެއިންގައި ނަޝީދުގެ ފެކްޝަނާ ގުޅިވަޑައިގެން ހުންނެވި އަމީރު މިހެން ވިދާޅުވީ ރޭ ގދ. ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައެވެ. އިބޫގެ ވެރިކަމުގައި ވަފާތެރި މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަމީރު މިހާރު ހުންނެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ އެކު ނަޝީދުގެ ފެކްޝަންގައެވެ.

Advertisement

އަމީރު ވިދާޅުވީ ނަޝީދާ އެކު ކުރިއަށް ދިއުމަށް ޑީލެއް އެއްބަސްވެ ނިމިފައި އޮއްވައި، ސަރުކާރުގައި ތިއްބެވި ބޭފުޅުން ބައްދަލުވުމެއް ބާއްވައި ނަޝީދާ ނުލައި ކުރިއަށް ދާން ނިންމީ ކަމަށެވެ. އެ ބައްދަލުވުމުގައި ގިނަ ބޭފުޅުންގެ އަންދާޒާއަކަށް ވީ ނަޝީދަށް ހޯއްދެވޭނީ 3،000 އާއި 5،000 އާ ދެމެދުގެ ވޯޓު ކަމަށެވެ. ނަމަވެސް ފައްޔާޒު އެ ބައްދަލުވުމުގައި ވިދާޅުވީ ނަޝީދު އެންމެ މަދުވެގެން ވެސް 15،000 އާއި 20،000 ވޯޓު ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހަޔާތުގައި ވެސް ނިންމާނެ އެންމެ ހިތާމަވެރި ނިންމުމޭ ތި ނިންމަނީ، ކަލޭމެން އެންމެން ދެރަވާނެއޭ" ފައްޔާޒު އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް އަމީރު ރޭ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބު 15،000 ވޯޓު ހޯއްދެވިއެވެ.

ނަޝީދާއި ކުރީގެ ރައީސް އިބޫއާ ދެމެދު އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ފަހު ނަޝީދު ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ. ދެ ބޭފުޅުން ޗެއާޕާސަންކަމުގެ ރޭހުގައި ދެ ކެމްޕެއިނެއްގައި ތިއްބެވި ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ވެސް އެކު ސިޔާސީ ގޮތުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

Advertisement

ކޮމެންޓް
އަލިކޮއްކޮ
އެމްޑީޕީއަށް ގެއްލުން ދެވޭނެ، ބަލިކޮށްލެވޭނެ ހުރިހާކަމެއް ކުރިތަން އަހަރުމެން ދުށީމެވެ. މިހާރު އުނބައްޖަހާފަ ތިތަ އައީ ތިމާއަށް އެމްޑީޕީ އާ ނުލާ ނޫޅެވޭނެކަން ޔަގީން ވީމައެވެ.
07 Jun 2026