މަހަށް ގޮސް އެންދަމަން ފީނި ގައްދޫ ޒުވާނަކު ނިޔާވެއްޖެ
ގދ. ގައްދޫ މަސްދޯންޏެއްގައި މަހަށް ގޮސް އެންދަމަން ޑައިވިނަށް ފީނި ޒުވާނަކު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44 އަހަރު) އެވެ. ފުލުހުން ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 05:40 ހާއިރު ކަމަށެވެ.
ގައްދޫ ކައުންސިލުން ބުނީ އިސްޙާޤު ގެއްލުނީ ގދ. މާވެއްދޫ މައިފަރު ބޭރުގައި އެންދަމަން ޑައިވިނަށް ފައިބައިގެން އުޅުމުގެ ތެރޭގައި ކަމަށެވެ. އިސްޙާޤު ހޯދުމަށް ގައްދޫއިން ދެ ޓީމެއް ފޮނުވި ކަމަށާއި، ފުރަތަމަ ޑައިވިނަށް ފޭބި ޓީމުގެ ޑައިވަރުންނަށް ފެނުނު އިރު ވެސް ހަށިގަނޑުގައި ވިންދެއް ނެތް ކަމަށް ކައުންސިލުން ބުންޏެވެ.
ފުލުހުންގެ ލޯންޗެއްގައި ގައްދޫއަށް ގެންގޮސް ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ޞިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އިސްޙާޤު ރަޝީދުގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.