ދެބެއިންގެ އިސްނެގުމާ އެކު އިނގުރައިދޫ 17 ކުއްޖަކަށް ހިލޭ ޑައިވިންގ ކޯސް ހިންގައިދީފި
ޑައިވިންގ ދާއިރާގައި 23 އަހަރުގެ ތަޖުރިބާ ހުރި ރ. އިނގުރައިދޫ އަޙްމަދު ސާމިރާއި އޭނާގެ ކޮއްކޮ އަދި 12 އަހަރުގެ ތަޖުރިބާ ހުރި ޑައިވިން އިންސްޓްރަކްޓަރު އާދިލް ޚާލިދުގެ ރޭވުންތެރިކަމާ އެކު، އެ ރަށުގެ 17 ކުއްޖަކަށް ހިލޭ ޑައިވިންގ ކޯސް ހިންގައިދީ ސެޓިފިކެޓް ހޯދައިދީފިއެވެ. މި ކޯސް ކުރިއަށް ގެންދިޔައީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ސާމިރު ބުނީ މިއީ ރަށަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ފެށި މަސައްކަތެއް ކަމަށެވެ. ގާތްގަނޑަކަށް ދެ ތިން އަހަރު ކުރިން ވެސް އިނގުރައިދޫ ސްކޫލުގެ ހަތަރު ކުއްޖަކަށް ޑައިވިން ކޯސް ހޯދައިދިން ކަމަށާއި، އޭގެ ފަހުން ރަށުގެ ކުދިން މި ދާއިރާއަށް ޝައުގުވެރިވާން ފެށި ކަމަށް ސާމިރު ބުންޏެވެ.
ދެބެން ކަމުަގައިވާ އާދިލް އަދި ސާމިރު -
ރާއްޖެއިން ބޭރުގައި ހުރެލާފައި ރަށަށް އައިސް ދުވަސްކޮޅަކު މަޑުކުރަން ޖެހުމުން، ސާމިރު އިސްނަގައި، ރަށުގައި ހުރި ކޮއްކޮ އާދިލާ ގުޅިގެން ކޯސް ރާވައި ފެށީއެވެ. ބޭނުންވާ ހުރިހާ ކުދިންނަށް ފުރުޞަތު ހުޅުވައިލައި، ނަން ނޯޓު ކުރި ތަރުތީބުން ޝެޑިއުލެއް ހަދައި 17 ކުއްޖަކު ބައިވެރިކޮށް ކޯސް ފެށީއެވެ. ކޯހުގައި ބައިވެރިވި ހުރިހާ ކުދިން ވެސް ކޯސް ފުރިހަމަކޮށްފައިވެއެވެ.
މި ކޯހަކީ ޕީއެސްއެސް އޯޕަން ވޯޓަރ ޑައިވަރ ކޯހެވެ. ކޯހުގައި ބައިވެރިވި ކުދިންގެ ތެރޭގައި 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ވެސް ހިމެނެއެވެ. އެ ކުދިންނަށް 12 މީޓަރު އަޑިއަށް ފީނޭ ޖޫނިއަރ ލެވެލް ހެދީއެވެ. ސާމިރު ބުނީ ކޯސް ނިންމި ކުދިންނަށް އަމިއްލައަށް ޑައިވް ކުރެވޭ ވަރަށް ތަމްރީނުވެފައިވާ ކަމަށާއި، ކޯސް ނިމެންދެން ހުރިހާ ކުދިންގެ އިންޝުއަރަންސް ވެސް ހަމަޖައްސައިދިން ކަމަށެވެ.
ކޯސް ނިންމި ދަރިވަރުންނާއެކު ކައުންސިލާއި ބައެއް މުއައްސަސާތައް - ފޮޓޯ: އިނގުރައިދޫ ކައުންސިލް
ކުދިންގެ އަތުން ނެގީ 100 ޑޮލަރަށް ވުރެ ދަށް ސެޓިފިކޭޝަން ފީ އެކަންޏެވެ. ފިލިންގ އާއި އިކުއިޕްމަންޓުގެ ޚަރަދު ދެ ބެއިން ހިއްސާކޮށް ހަމަޖެއްސީއެވެ. ފިންސް އާއި މާސްކް ނެތް ކުދިންނަށް އެ ތަކެތި ވެސް ފޯރުކޮށްދިނެވެ. ޓޭންކް ފިލް ކުރީ ކައިރި ރިސޯޓެއްގެ ޑައިވް ސެންޓަރަކުން، އެ ޚަރަދު ވެސް އެ ދެ ބެއިން ދެއްކީއެވެ. ކޯސް ނިންމާލީ އަތޮޅުގެ ރީތި ޑައިވް ސައިޓްތަކަށް ގޮސް ކުދިންނާ އެކު ޑައިވް ކޮށްފައެވެ.
ސާމިރު ބުނީ ކޯސް ނިންމި ކުދިންނަށް ނެކްސްޓް ލެވެލަށް ދާން ވެސް އެހީވާނެ ކަމަށާއި، އަތޮޅުގެ އެހެން ރަށްރަށުގެ ކުދިން ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދަން ވިސްނާ ކަމަށެވެ.