Advertisement

ރާއްޖޭގައި މަރުވި ޑައިވަރުންގެ ހަށިގަނޑު ރިކަވާ ކުރި ފިންލެންޑް ޑައިވަރުންނަށް އިޓަލީގެ އެންމެ މަތީ ޝަރަފު

06 Jun 2026 | 13:31
ޑޭން ޔޫރަޕް އިން ރާއްޖެ އައިސް އޮޕަރޭޝަންގައި ބައިވެރިވި ތިން ޑައިވަރުން - ފޮޓޯ: ޑޭން ޔޫރަޕް

މި އަހަރުގެ މެއި މަހު ވ. އަތޮޅުގެ ފަރެއްގެ ހޮހޮޅައެއްގެ ތެރެއިން މަރުވެފައި ތިބި ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ރިކަވާ ކުރި ތިން ފިންލެންޑް ކޭވް ޑައިވަރުންނަށް އިޓަލީގެ ރައީސް ސާޖިއޯ މެޓެރެއްލާ، އެ ޤައުމުގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "އޯޑަރ އޮފް މެރިޓް އޮފް ދި އިޓާލިއަން ރިޕަބްލިކް" ދެއްވައިފިއެވެ.

މި ޝަރަފު ލިބުނީ ސާމީ ޕާސްކަރިނެން، ޔެނީ ވެސްޓަލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް އަށެވެ. މި ޝަރަފު ދެއްވީ ރައީސް މެޓެރެއްލާގެ އަމިއްލަ އިސްނެންގެވުމަށެވެ. އިޓަލީގެ ރައީސްގެ ރަސްމީ ގެކޮޅު ކުއިރިނާލޭ އިން މެއި 30 ވަނަ ދުވަހު މި ޝަރަފު އިޢުލާނުކޮށްފައިވެއެވެ.

Advertisement

މި ހާދިސާ ހިނގީ މެއި 14 ވަނަ ދުވަހު، ވ. އަތޮޅުގައި ޑައިވިންގ ކުރަމުން ދިޔަ ފަސް އިޓަލީ ޑައިވަރުން ފަރެއްގެ ހޮހޮޅައެއްގެ ތެރޭ ތާށިވެ، އެނބުރި ނައުމުންނެވެ. އޭގެ ތެރެއިން ޑައިވް އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއާންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނުނީ ހޮހޮޅައިގެ ތެރެއިން ގާތްގަނޑަކަށް 50 މީޓަރު އަޑިންނެވެ. ޖީނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯނީ އާއި އޭނާގެ ދަރިފުޅު ޖޯޖާ ސޮމަކާލް އާއި ދެ ރިސާޗަރުން ކަމަށްވާ މިއުރީއެލް އޮޑެނީނޯ އާއި ފެޑެރީކޯ ގުއާލްޓީއެރީގެ ހަށިގަނޑު ފެނުނީ ހޮހޮޅައިގެ ދެވަނަ ޗެމްބަރަކުން ގޮސް ނިމޭ ޓަނެލެއްގެ ތެރެއިންނެވެ.

ރިކަވަރީ މަސައްކަތުގެ ފުރަތަމަ މަރުޙަލާގައި ބައިވެރިވި ދިވެހި ސިފައިންގެ ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖެންޓް މުޙައްމަދު މަހުދީ، ޑީކޮމްޕްރެޝަން ސިކްނެސްގެ ސަބަބުން ނިޔާވިއެވެ. އެ ހާދިސާއާ ގުޅިގެން ރިކަވަރީ މެދުކެނޑުމުން، ޑައިވާޒް އެލާޓް ނެޓްވޯކް (ޑޭން) ޔޫރޮޕުން ފިންލެންޑް ތިން ޑައިވަރުން ފޮނުވައި، މެއި 17 އާއި 21 އާ ދެމެދު ރިކަވަރީ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމައިލީއެވެ.

ފިންލެންޑްގެ ޕަބްލިކް ބްރޯޑްކާސްޓަރު ޔީލެ އަށް ދެއްވި އިންޓަވިއުއެއްގައި ގްރޮންކްވިސްޓް ވިދާޅުވީ "އަހަރެމެންނަށް މިއީ އާދައިގެ އޮޕަރޭޝަނެއް. މިހާ ޝަރަފުވެރި ރެކޮގްނިޝަނެއް ލިބުމުން ތަފާތު އިހުސާސެއް ކުރެވެނީ. ނަމަވެސް ރެކޮގްނިޝަން ލިބުމަކީ ހިތްހަމަޖެހޭ ކަމެއް، ޚާއްޞަކޮށް އިޓަލީ ސަރުކާރާއި ޢާއިލާތަކުގެ ފަރާތުން" ކަމަށެވެ. ވެސްޓަލަންޑް ވިދާޅުވީ "ވަރަށް ދަތި ހާލަތެއްގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރީ. ހޮހޮޅައިގެ ތެރޭގެ ހާލަތު ވަރަށް ގޮންޖެހުން ބޮޑު" ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން އިޓަލީގެ އިދާރާތަކުން ވަނީ މަރުގެ ތަހުގީގެއް ފަށައި، ޑައިވަރުންގެ އިކުއިޕްމަންޓް ހިފަހައްޓައިފައެވެ.

Advertisement

ކޮމެންޓް