މެއި މަހު ކުށުގެ ރެކޯޑު އޭޕްރީލަށްވުރެ މަތި - އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް
މި އަހަރުގެ މެއި މަހު ފުލުހުންނަށް ހުށަހެޅި ކުށުގެ މައްސަލަތަކުގެ ޖުމްލަ އަދަދު 1،049 އަށް އަރައި، އޭޕްރީލް މަހަށް ވުރެ އިތުރުވެއްޖެއެވެ. އޭޕްރީލް މަހު ހުށަހެޅިފައި ވަނީ 1،021 މައްސަލައެވެ.
މެއި މަހު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 318 މައްސަލަ ހުށަހެޅިފައިވާ އިރު، އެއީ ޖުމްލަ މައްސަލަތަކުގެ 30.3 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކެވެ. ޓްރެފިކް އެކްސިޑެންޓްގެ 248 މައްސަލަ ހުށަހެޅިފައިވެއެވެ. ތިންވަނައިގައި އޮތީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެ ބާވަތުގެ 185 މައްސަލަ ހުށަހެޅިފައިވެއެވެ.
މީގެ އިތުރުން ގެއްލިފައިވާ ތަކެތީގެ 77 މައްސަލައާއި، ވެންޑަލިޒަމްގެ 56 މައްސަލައާއި، މާރާމާރީގެ 48 މައްސަލައާއި، ގެވެށި އަނިޔާގެ 27 މައްސަލައާއި، ޚިޔާނާތާއި ޖިންސީ ކުށުގެ 24 މައްސަލައާއި، ފޭރުމުގެ 17 މައްސަލައާއި، ފޯޖަރީގެ ދެ މައްސަލަ ހުށަހެޅިފައިވެއެވެ.
އޭޕްރީލް މަހު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތައް ކަމަށް ވީ ނަމަވެސް، މެއި މަހު ވައްކަމުގެ މައްސަލަތައް ވަނީ އެއްވަނައަށް އަރައިފައެވެ. ފުލުހުންގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި ދެ މަހުގައި ވެސް ކުށުގެ މައްސަލަތައް ހާހަކަށް ވުރެ މައްޗެވެ.