ބިދޭސީ ޓީޗަރުން ރެކްރޫޓުކުރާ ނިޒާމު ހަރުދަނާކުރަން އައު އުސޫލެއް ނެރެފި
ތަޢުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އައު އުސޫލެއް ތަޢުލީމީ ވުޒާރާއިން ނެރެ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ގެޒެޓުކުރި މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ ރެކްރޫޓުކުރެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބިދޭސީ ޓީޗަރުން ހޯދުމެވެ. މި އުސޫލާ އެކު، 30 އޮގަސްޓު 2023 ގައި ގެޒެޓުކުރި ކުރީގެ އުސޫލު ބާޠިލުވީއެވެ.
އައު އުސޫލުގެ ދަށުން ރެކްރޫޓުމެންޓުގެ މަސައްކަތްތައް ބެލެހެއްޓުމަށް ފަސް މެންބަރުންގެ ވިލަރެސް ކޮމިޓީއެއް، އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވައިލާން ޖެހެއެވެ. މި ކޮމިޓީގައި ހިމެނެނީ ސްކޫލް ޕްރިންސިޕަލުންގެ ތެރެއިން ދެ މެންބަރުންނާއި، ވުޒާރާ ނުވަތަ ޑިޕާޓުމެންޓުތަކުގެ ޕަބްލިކް ސާވިސް ރޭންކު އަށަކުން ފެށިގެން މަތީގެ ތިން މެންބަރުންނެވެ.
ބިދޭސީ ޓީޗަރުން ރެކްރޫޓުކުރާނީ ގަވާއިދު ނަންބަރު 2022/R-63 ގެ ދަށުން ކެޓަގަރީ A ގެ ލައިސަންސް ލިބިފައިވާ އޭޖެންސީތައް މެދުވެރިކޮށެވެ. ގިނަވެގެން ހޮވާނީ ތިން އޭޖެންސީއެވެ. އޭޖެންސީތަކުގައި ހުންނާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ފާއިތުވި ދެ އަހަރު ދުވަހު މެދުނުކެނޑި ފަންނީ ގިންތީގެ މުވައްޒަފުން ރެކްރޫޓުކޮށްފައި ވުމާއި، އެ މުއްދަތުގައި މަދުވެގެން 100 މީހުން ރެކްރޫޓުކޮށްފައި ވުން ހިމެނެއެވެ.
ރެކްރޫޓުކުރެވޭ ބިދޭސީ މުވައްޒަފުންގެ އަތުން އެއްވެސް ބާވަތެއްގެ ފީއެއް ނެގުން މި އުސޫލުގައި ވަނީ މަނާކޮށްފައެވެ. އެ ފަދަ ކަމެއް ކުރިކަން ސާބިތުވެއްޖެ ނަމަ، އެ އޭޖެންސީއާ އެކު ވެފައިވާ އެއްބަސްވުން ވަގުތުން ބާޠިލުކުރެވޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރެކްރޫޓުކުރެވޭ ކޮންމެ މުވައްޒަފަކު ތިން މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ފުރިހަމަކުރާން ޖެހޭނެއެވެ. އެ މުއްދަތުގައި ފެންވަރު ނެތް ކަމަށް ސްކޫލުގެ އިސްވެރިޔާ ކަނޑައަޅައިފި ނަމަ، އެ މުވައްޒަފަކު އަނބުރާ ޤައުމަށް ފޮނުވައިލެވޭނެއެވެ. މީގެ އިތުރުން ބިދޭސީ މުވައްޒަފުން ސްކޫލުތަކަށް ފޮނުވުމުގެ ކުރިން ރާއްޖޭގެ ސަގާފަތާއި، ކިޔަވައިދިނުމުގެ މިންގަނޑުތަކާއި، ކުޑަކުދިންގެ ޙައްޤުތައް ފަދަ ބައިތައް ހިމެނޭ އޮރިއެންޓޭޝަން ޕްރޮގްރާމެއް ވެސް ހިންގާން ޖެހެއެވެ.
ވަޒީފާއަށް އައްޔަނު ނުކުރެވޭނެ ފަރާތްތައް ވެސް މި އުސޫލުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެންވަރު ދަށްވެގެން ވަކިކޮށްފައިވާ ފަރާތްތަކާއި، ޖިންސީ ގޯނާ ނުވަތަ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކާއި، އިސްލާމްދީނާ ތަޢާރުޒުވާ ވާހަކަ ދައްކައިފައިވާ ކަމަށް ސާބިތުވެފައިވާ ފަރާތްތައް ހިމެނެއެވެ.