ޕެންޝަނަށް ފަހު އަލުން ވަޒީފާ ދޭ އިރު މުސާރަ ހަމަޖައްސާނެ ގޮތުގެ މިންގަނޑެއް ނެރެފި
ރީ-އެމްޕްލޯއިމަންޓް އުސޫލުން ދައުލަތުގެ ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑެއް ނެޝަނަލް ޕޭ ކޮމިޝަނުން ނެރެ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ގެނައި ނުވަ ވަނަ އިޞްލާޙެވެ. މި މިންގަނޑު ނެރެފައި ވަނީ ޤާނޫނު ނަންބަރު 1/2026 (ރީ-އެމްޕްލޯއިމަންޓް ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުންނެވެ. މާލީ ވުޒާރާގެ ދަށުން ހިންގާ ނެޝަނަލް ޕޭ ކޮމިޝަނުން ނެރުނު މި މިންގަނޑަށް ޢަމަލުކުރަން ފެށީ ގެޒެޓުގައި ޝާއިޢުކުރި ތާރީޚު ކަމުގައިވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މި މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން، ޕެންޝަން ޙައްޤުވިއިރު ހުރި މަގާމުގެ މަސްއޫލިއްޔަތާއި ވަގުތަށް ބަދަލެއް ނާންނަ ގޮތަށް އަލުން ވަޒީފާ ހަމަޖައްސާ ނަމަ، ޕޭ ފްރޭމްވަރކުގައި އެ މަގާމަށް ކަނޑައެޅިފައިވާ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ. ޕޭ ފްރޭމްވަރކަށް ހިޖުރަ ނުކުރާ އިދާރާއެއް ނަމަ، 65 އަހަރުވެގެން ވަކިވިއިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތައް ހަމަޖެއްސުމަށް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ކޮންޓްރެކްޓް އުސޫލުން ހާޒިރުވެގެން މަސައްކަތްކުރާ ގޮތަށާއި، ވެއިޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާ ގަޑިއަށް ބިނާކޮށް، އަދި މަސައްކަތް ފުރިހަމަކުރާ މިންވަރަށް (ޑެލިވަރަބަލްސް) ބިނާކޮށް ވެސް ރީ-އެމްޕްލޯއިމަންޓް ވަޒީފާ ހަމަޖެއްސޭނެ ގޮތް މި މިންގަނޑުގައި ހިމަނައިފައިވެއެވެ.
ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ދައުލަތުން ޢިއްޒަތާއި ޝަރަފު އަރުވައިފައިވާ ފަރާތްތަކަށް ޢާންމު ހަމަތަކާ ތަފާތުކޮށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ އިޚުތިޔާރު ނެޝަނަލް ޕޭ ކޮމިޝަނަށް ލިބިގެންވާ ކަމަށް ވެސް މި މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ.