ހަނގުރާމަ ހަނގުރާމައަކަށް ނުވެ ސުލްހަ ސުލްހައަކަށްނުވެ ދެ ފަރާތުން ޓްރަމްޕް ފިތެނީ
ކުރު އަސްކަރީ ހަރަކާތެއް ކަމަށް ބުނެ ފެށި އީރާނާ ދެކޮޅު ހަނގުރާމަ ތިން މަސް ދުވަހަށް ދެމިގެން ގޮސް، ހަނގުރާމަ ނުނިމި ސުލްހަވެސް ނުވެވޭ ހާލަތެއްގައި ޓްރަމްޕް ތާށިވެ، ބައިވެރިންނާއި ފާޑުކިޔާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި ކަމަށް އޭޕީން ރިޕޯޓުކޮށްފިއެވެ.
ގާތްގަނޑަކަށް ހަފުތާއެއް ކުރިން އެމެރިކާ އާއި އީރާނުގެ ނެގޯޝިއޭޓަރުން 60 ދުވަހަށް ސީޒްފަޔާ ދިގުދައްމައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ އައު ބުރެއްގެ މަޝްވަރާ ފެށުމުގެ ވަގުތީ އެއްބަސްވުމެއް ހެދިއެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ އެއްބަސްވުމަށް ބަދަލުތައް ގެންނަން ގޮވައިލައިފައެވެ. އީރާނުން ބެލެވެނީ ޓްރަމްޕް ބޮމުގެ ހަމަލާތައް އަލުން ފަށަން ބޭނުން ނުވާނެ ކަމަށް ކެލްކިއުލޭޓް ކޮށް، އައު ޝަރުތުތަކަށް ދޫ ނުދީ ތިބީ ކަމަށެވެ.
މި ހަފުތާގައި ދެ ފަރާތުން ބަދަލުކުރި ހަމަލާތަކާ އެކު ސީޒްފަޔާ ރޫޅިދާނެ ކަމުގެ ކަންބޮޑުވުން ބޮޑުވި ނަމަވެސް ޓްރަމްޕް ބުނީ "ދުނިޔޭގެ އެ ހިސާބުގައި ސީޒްފަޔާ އަކީ ތަންކޮޅެއް މައިތިރިކޮށް ބަޑި ޖެހުން" ކަމަށެވެ.
ސަރުކާރުގެ ތެރެއިންނާއި ގާތް ބައިވެރިންގެ ފަރާތުން ވެސް ކަންބޮޑުވުން ބޮޑުވެފައިވާ ކަމަށް އޭޕީން ރިޕޯޓުކުރީ ނަން ހާމަ ނުކުރުމުގެ ޝަރުތުގައި ވާހަކަ ދެއްކި އޮފިޝަލުންނާ ހަވާލާދީއެވެ. ޕެންޓެގަން އޮފިޝަލުންނާއި ގަލްފުގެ ބައިވެރިން ބުނަނީ ބޮމުގެ ހަމަލާތައް އަލުން ފެށުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ހަތިޔާރު ހުސްވާ ނިސްބަތް މާ ބޮޑުވެ، ބައެއް މުހިންމު ހަތިޔާރު ރީޕްލެނިޝް ކުރަން ތިން އަހަރު ނަގާނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ގަލްފުގެ ޤައުމުތައް ބިރުގަންނަނީ އީރާނުން އެ ޤައުމުތަކުގެ ތެލުގެ އިންފްރާސްޓްރަކްޗާ އަށް ރައްދު ހަމަލާ ދީފާނެތީއެވެ.
ހޮރުމުޒް ކަނޑުއޮޅި ނުހުޅުވި، ދުނިޔޭގެ ތެލުގެ އަގު މަތީގައި ހުރުމުގެ ސަބަބުން ކެއުންބުއިމާއި ތެލާއި އެހެނިހެން ތަކެތީގެ އަގަށް ބޮޑެތި އަސަރުތައް ކުރަމުންދެއެވެ.
ޓްރަމްޕް ވަނީ ލުބުނާނުގައި ޙިޒްބުﷲ އާ ދެކޮޅަށް އިސްރާއީލް ފުޅާކުރާ ހަމަލާތައް ހުއްޓުވައި، ނެތަންޔާހޫ އާ ހޫނު ފޯން ކޯލެއްގައި ހުއްޓައިލުމަށް ގޮވައިލައިފައެވެ. ބުދަ ދުވަހު އިސްރާއީލާއި ލުބުނާނުން ވަނީ ސީޒްފަޔާ އައު ކުރަން އެއްބަސްވެފައެވެ.